1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު އެކަކުކަމަށްވާ، އަދި މިހާރު ޖަލުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިމަހު ޖަލުން މިނިވަންވާނެކަން ހާމަވެއްޖެއެވެ.

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީގެ މައްޗަށް ރައީސް މައުމޫންގެ ވެރިކަމުގައި މަރުގެ ހުކުމެއް އިއްވިނަމަވެސް، ރައީސް މައުމޫން ވަނީ އެ ހުކުމް އުމުރުދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ. ރާއްޖޭގެ ޤާނޫނުތައް އޮންނަގޮތުން އުމުރުދުވަހުގެ ހުކުމަކީ 25 އަހަރުގެ މުއްދަތެވެ.

މީޑިއާއަކަށް މައުލޫމާތުދެއްވަމުން ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ ނޮވެމްބަރު ތިނަކާ ގުޅިގެން ލުތުފީގެ މައްޗަށް ކުރި ހުކުމް މިދިޔަ ޖޫންމަހު ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ. އަދި ލުތުފީ މިހާރު ޖަލުގައި ތަންފީޒު ކުރަމުންދަނީ 2010 ވަނަ އަހަރު އޭނާ ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް އިއްވި ހުކުމް ކަމަށެވެ.

ކަރެކްޝަނުން ބުނީ ފިލި މައްސަލައިގައި ލުތުފީ ތަންފީޒުކުރަމުންދާ ހުކުމް މިމަހުގެ 27 ވަނަ ދުވަހު ތަންފީޒުކޮށް ނިމޭނެކަމަށެވެ. އަދި އެއާއެކު އޭނާ މުޅިން މިނިވަން ވާނެކަމަށްވެސް ކަރެކްޝަންސްއިން ބުނެއެވެ.

ލުތުފީ ފިލީ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓްރީއިން ޖެނުއަރީ 16، 2010ގައި ލުތުފީ އެއް އަހަރު ދުވަހަށް ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމުގެ ހުއްދަ ދިނުމުންނެވެ. އޭނާ އަމިއްލައަށް ދިވެހި ސަރުކާރާއި ހަވާލުވީ އޭގެ 9 ވަރަކަށް އަހަރު ފަހުން ލަންކާއިންނެވެ. ފިލި މައްސަލައިގައި އޭނާ އިއުތިރާފްވުމާއި ގުޅިގެން އައިސްފައި ވަނީ ހަތް މަހާއި ހަ ދުވަހުގެ ހުކުމެކެވެ.

ނޮވެމްބަރު 3ގެ މައްސަލައިގައި ލުތުފީއާއެކު ޖަލަށް ލި ސަގަރު އަހުމަދު ނާސިރުވެސް ވަނީ 25 އަހަރުގެ ހުކުމެއް ތަންފީޒުކުރުމަށްފަހު ޖަލުން މިނިވަންވެފައެވެ. އަދި ވަރަށްފަހުން އުފެއްދި ޕާޓީއެއްގެ ސިޔާސީ މަސައްކަތުގައި އޭނާ އުޅުނު މަންޒަރު ވެސް ވަނީ ފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން