މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ޕްރޮގްރާމް ގެ ދަށުން ފުރަތަމަ ނިމޭ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނުނު ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަސްރޫއުތަކުގެ ތެރެއިން ފުލެޓް ލިބޭނެ ކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ފޮނުވާނެ ކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން މިކަން އަންގާފައިވަނީ މާލޭ ރަށްވެހިންނާއި މާޅޭގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެންމެ ފުރަތަމަ ނިމޭ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ޢާންމުކުރަމުންނެވެ. ސަރުކާރުން މީގެކުރިން ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް ޝަރުތު ހަމަވެގެން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި އެކަން އިޢުލާން ކޮށްފައެވެ.

ސަރުކާރުން ކުރިންވެސް ބުނެފައި ވަނީ ފްލެޓާއި އަދި ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފްލެޓާއި ގޯތި ލިބޭނެ ކަމަށެވެ. އެގޮތުން މިއަދު ވަނީ ޝަރުތު ހަމަވާ މީހުންގެ ދާއިމީ ލިސްޓުގައިވާ މީހުންގެތެރެއިން ފުރަތަމަ އިމާރާތް ކުރާ 4000 ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާ އިޢުލާން ކޮށްފައެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓުން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 ޕޮއިންޓުން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓުން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 ޕޮއިންޓުން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން