ފްލެޓްތަކަށް ޕޮއިންޓް ދެވުނު އުސޫލާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީ ތެރޭގައި ގިނަ އަދަދެއްގެ ޢާންމުން ނުރުހުން ފާޅުކުރުމުން، ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީގެ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އިއްޔެގައި ހައުސިންގ މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހެދުނު ފުރަތަމަ 4000 ފްލެޓްތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާންމުކޮށްފައެވެ. އެހެން ނަމަވެސް، މި ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޕޮއިންޓް ދެވުނީ ކިހިނެއްކަން ހާމަކުރެވިފައިނުވާ ކަމަށް ބުނެ، ވަރަށް ގިނަ މީހުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހައުސިންގ މިނިސްޓްރީ ތެރޭގައި ވަރަށް ގިނަ ބަޔަކު ވަނީ ހަޅޭއްލަވައި، އިހުތިޖާޖު ކޮށްފައެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓުން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓުން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެވެ.

މި 4000 ފުލެޓްގެ ތެރެއިން ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެއެވެ.

އަދި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނުނު ނަމަވެސް ޝަރުތު ހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް 1 (އެއް) ފުލެޓެވެ. ނުވަތަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް 1 (އެއް) ފުލެޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން