ފްލެޓާއި ގުޅޭ ޝަކުވާތަކަށް އަވަސް ފިޔަވަޅެއް އެޅުމާއި ދޭތެރޭ މިއަދު ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ބުނީ އިއްޔެ ޢާންމުކުރި ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ދޫކުރި ފްލެޓްތަކުގެ ދާއިމީ ލިސްޓާއި ގުޅޭ ޝަކުވާ އެ ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ދިރާސާ ކުރަމުންދާ ކަމަށާއި އަވަސް ފިޔަވަޅެއް އަޅަން ޖެހޭތޯ ބަލައި، މިއަދު އެކަމުގައި ގޮތް ނިންމާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އިއްޔެ ހައުސިންގ މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި ފުރަތަމަ 4000 ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާންމުކޮށްފައެވެ. އެހެން ނަމަވެސް، މި ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތާއިމެދު ޝަކުވާކޮށް ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއަދު ހައުސިންގ މިނިސްޓްރީ ތެރޭގައި ވަރަށް ގިނަ ބަޔަކު ވަނީ ހަޅޭއްލަވައި، އިހުތިޖާޖު ކޮށްފައެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓުން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓުން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން