ޒަހީނުއްދީން ސަޢީދު   5 ނޮވެމްބަރު 2023 - 20:19
ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ 4000 ފުލެޓު ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން،އޭސީސީން މިއަދު އަންގައިފި އެވެ.

އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާތީ ކަމަށެވެ

އެހެންކަމުން އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީން ފުލެޓްތައް ހަވާލުކުރުން ހުއްޓާލަން އަންގާފައި ވާއިރު ހުޅުމާލޭގައި ނިންމުމުގެ މަސައްކަތް ކުރަމުންދާ މިސަރުކާރުގެ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރުމާއެކު އެކަމާ ހިތްހަމަނުޖެހިގެން ބަޔަކު މިއަދު ވަނީ ޕްލޭނިން މިނިސްޓްރީ ތެރެއަށް ވަދެ އިހުތިޖާޖްކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން އިއްޔެ ބުނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުންގެންދާ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

ފުލެޓް ދިންގޮތާއި މެދު އާންމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ގެދޮރުވެރިކަމުގެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު މިއަދުން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން