ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާތީ، މަޖިލީހުގެ ގަވައިދު މާނަކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހެޅި މައްސަލާގައި ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވާނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުމުގެ ބަދަލުގައި، މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް އެޖެންޑާ ކުރުމުން ރިފްއަތު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވުމަށް ފިނޭންސް މިނިސްޓަރ އަޙްމަދު އަމީރަށް ލަފާ ދެއްވާފައެވެ. ރިފްއަތު ދެއްވި ޤާނޫނީ ލަފާގެ މަތިން މިނިސްޓަރ އަމީރު ވަނީ އެދުވަހުގެ ޖަލްސާއަށް ވަޑައިގަތުމަށް އިންކާރުކުރައްވާފައެވެ.



މި މައްސަލައިގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅީ އެމްޑީޕީންނެވެ. އެމްޑީޕީން ޤަބޫލުކުރާ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެމައްސަލައާއިމެދު ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށްގެންދެވިގެން ނުވާނެއެވެ. އަދި ރިޔާސަތު ބަލަހައްޓަން ނައިބު ރައީސް އުޒުރުވެރިވާ ޙާލަތުގައި އެހެން މެންބަރަކަށް ރިޔާސަތު ބެލެހެއްޓުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ގޮތެއް ކަަނޑައަޅައިދިނުމަށް އެމްޑީޕީން އެދިފައި ވެއެވެ.

މީގެ ކުރީގައިވެސް ބަންޑާރަ ނައިބު ވަނީ ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް ހުށަހެޅި މައްސަލަތަކުގައި މަޖިލީސް ތަމްސީލުކުރައްވާފައެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން 49 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މައްސަލަތައް ތާވަލުކުރުމުގައި އަމިއްލަ މަސްލަޙަތު އިސްކުރަށްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް ނަޝީދު މަޖިލީސް ހިންގަވަނީ ޤަވާއިދާ ޚިލާފަށް ކަމަށް އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ޤަރާރުގައި ވެއެވެ.

މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ އެ ހުރިހާ ދުވަހަކުވެސް މަޖިލީހަށް ސަލާމް ވިދާޅުވެފައެވެ. އަދި އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހަޅާފައިވުމުން ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ އީވާ މިއަދު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަވަން އީވާ އުޒުރުވެރިވުމުން ދެން އޮންނަ ޖަލްސާއަކަށް އެމައްސަލަ އެޖެންޑާ ނުކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން