އަހުމަދު މަސްނޫމް   6 ނޮވެމްބަރު 2023 - 0:2
ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓަވާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ދެއްކެވި ވާހަކަފުޅަކީ ބޮޑު ޖޯކެއްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ އެ ކޯޓުން ބަލައިގެންފައިވާއިރު އަންނަ ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނެއެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ މައްސަލަ ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާކަން ހާމަކުރައްވާފައެވެ. އީވާގެ ވާހަކަތަކާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރޮޒައިނާ ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަންވެސް ޖެހުނީ އިވާ ރިޔާސަތު ބެލެހެއްޓުމަށް ދެކޮޅު ހެއްދެވުމުންކަމަށެވެ. އަދި މައްސަލަ ނުނިމެނީސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަމަށް އީވާ ވިދާޅުވުމަކީ ބޮޑު ޖޯކެއްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

"މިއީ ޖޯކެއްތަ؟ މައްސަލަ ކޯޓަށް ހުށަހެޅީވެސް (އީވާގެ) ދެބެންގެ ދެދަރި އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ރިޔާސަތުގައި އިންނަން ކަލޭ ދެކޮޅު ހެދުމުން. މިހާރު ތިބުނަނީ ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް ރިޔާސަތުގައި ނީންނާނަމޭ. ކިހާ ސަޅި. ޑިމޮކްރަސީ އޭގެ އެންމެ ފުރިހަމަގޮތުގައި!" އިނގިރޭސިބަހުން ކުރެއްްވި ޓްވީޓެއްގައި ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާއްމު ފާތިމަތު ނިއުޝާއަށް އީވާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދު މަޤާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން މިދަނޑިވަޅުގައި ވަކި ގޮތެއް ކަނޑައަޅައިފިނަމަ އެކަމަކީ ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ސްޕްރީމް ކޯޓުން މައްސަލަ ނިންމުމުގެ ކުރިން މަޖިލީހުން ވަކިގޮތެއް ނިންމުމަކީ މަޖިލީހުން މީގެ ކުރިންވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫންކަން އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދު މަޤާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން މިދަނޑިވަޅުގައި ގޮތެއް ނިންމުމަކީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހްތިރާމް ކުޑަކުރުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި ބަލަމުންގެންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޤަރާރުގެ މަސައްކަތް ކުރިޔައަށް ގެންދިޔުމަށް ރިޔާސަތުގައި އިނުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޙަސަން

06-Nov-2023

މި ދެމީހުންނަކީވެސް ބޮޑު ޖޯކެއް


0

ސަންބޯ

06-Nov-2023

ރޮޒޭނާ އަށް ގޯތީގެ ޝަރުތު ހަމަވި ގޮތަކީ ވެސް ހަމަ ބޮޑު ޖޯކެއް. ދޯ



ޓްރެންޑިން