ކައުންސިލްތަކުގެ ނިންމުންތައް ނިންމަންވާނީ ރައްޔިތުންގެ ޙައްޤަށް އުނިކަން ނާންނަގޮތަށް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭއިން ބުނެފިއެވެ.

އެލްޖީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލްތަކުގެ ނިންމުންތައް ނިންމަންވާނީ، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގަަކަށް އެއްވެސް ކަހަލަ އުނިކަމެއް ނުލިބޭގޮތަށް ކަމަށެވެ. އެލްޖީއޭއިން މިފަދަ ބަޔާނެއް ނެރެފައިވަނީ ވ. ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށް ކައުންސިލުގެ ޚިދުމަތްތައް ފޯރުކޮށްނުދިނުމަށް އެކައުންސިލުން ނިންމުމާ ގުޅިގެންނެވެ.

ފެލިދޫ ކައުންސިލުން ކުރި އިއުލާނެއްގައިި ބުނީ އެކައުންސިލުން އެގޮތަށް ނިންމީ ކައުންސިލަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ގިނަ ގުނަ މަސައްކަތްތަކެއްކޮށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ ކަމަށެވެ.

އެކަމާ ގުޅިގެން އެލްޖީއޭއިން ބުނީ ކައުންސިލްތަކުގެ ނިންމުންތައް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން ލިބިފައިވާ ބާރުގެ ތެރެއިން ނިންމާ ނިންމުމަކަށް ކަމަށެވެ. އަދި ކައުންސިލަކާއި ރައްޔިތަކާއި ދެމެދުގައިވެވޭ މުއާމަލާތެއްގެ ސަބަބުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެފަރާތަކާމެދު ފިޔަވަޅު އަޅަންވާނީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.

އެލްޖީއޭގެ ބަޔާނުގައި ބުނީ ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއާމަލާތްތަކާ ގުޅިގެން ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މާލީގޮތުން ބޮޑެތި ދަތިތައް ކުރިމަތިލާންޖެހޭ ކަންވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.

“ކައުންސިލުން ނިންމާ ނިންމުންތައް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެއަށް ބާރުލިބިގެން ނިންމާ ނިންމުމަކަށެވެ.” އެލްޖީއޭގެ ބަޔާނުގައިވެއެވެ.



ހަމައެއާއެކު ރައްޔިތުން ޢަމަލުކުރުމަށް ލާޒިމުކުރާ ނިންމުންތައް ނިންމުމުގެ ކުރިން އެކަމަށް ބޭނުންވާ މުނިސިޕަލް ޤަވާއިދުތައް ކައުންސިލުތަކުން ފާސްކޮށް ގެޒެޓު ކުރުމަށްވެސް އެލްޖީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ވ.ފެލިދޫ ކައުންސިލުން ނިންމާފައިވަނީ ކައުންސިލަށް ދައްކަންޖެހޭ ދަރަނި އަދާކޮށް ނިންމަންދެން އެފަދަ ފަރާތްތަކާއި، އެފަރާތްތަކުގެ އަނބި، ފިރި އަދި ދަރިންނަށް ކައުންސިލުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދިނުމަށް ބުދަ ދުވަހު ބޭއްވި ކައުންސިލްގެ 29 ވަނަ އާއްމު ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ.

އަދި ހަމައެއާއެކު، މިނިންމުމާއި ގުޅިގެން ކައުންސިލަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ދެއްކުމަށް އިތުރު 5 ދުވަހުގެ މުއްދަތެއް ދިނުމަށާއި، މުއްދަތުގެ ފަހުން ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓް ކޮންމެ މަހަކު އާއްމުކޮށް އިޢުލާންކުރަމުން ގެންދިއުމަށްވެސް ފެލިދޫ ކައުންސިލުން ނިންމާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން