މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓަށް ޝަރުތު ހަމަވި 13،000 މީހުންގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅައި އާއްމުކޮށްފައިވާ ލިސްޓުގެ މައްސަލައިގައި ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް ހައުސިންގ މިނިސްޓްރީ ތެރެއަށް ވަދެއްޖެއެވެ.

މިއަދު ހައުސިން މިނިސްޓްރީއަށް ވަނީ އޭސީސީގެ ކުއިކް ރެސްޕޮންސް ޓީމުގެ ބޭފުޅުން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބިނާކުރި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކުރުމާއިއެކު ގިނަ ބަޔަކު އިއްޔެ ވަނީ ހައުސިންގ މިނިސްޓްރީ ތެރެއަށް ވަދެ، އިހުތިޖާޖު ކޮށްފައެވެ. ޢާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕޮއިންޓް ލިބިފައިވާ ގޮތް ހާމަކޮށްފައި ނުވުމެވެ. އަދި އިންސާފުވެރި ގޮތަކަށް ފްލެޓްތައް ދޫކޮށްފައި ނުވުން ކަމަށްވެސް އެމީހުން ފާހަގަކޮށްފައި ވެއެވެ.

އިއްޔެގައި އޭސީސީން ވަނީ އެ 4000 ފްލެޓް ދޫކުރުން މަޑުޖައްސާލުމަށް ވެސް ހައުސިންގ މިނިސްޓްރީއަށް އަންގާފައެވެ.

އެކަން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާތީއެވެ.

އެހެންކަމުން އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ފުލެޓް ދިންގޮތާއި މެދު އާންމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ގެދޮރުވެރިކަމުގެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު އިއްޔެއިން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން