އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަނާޅަން ބަންޑާރަ ނައިބަށް ލަފާ ނުދެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ގުޅިގެން އެމްޑީޕީން ސްޕުރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުންނެެވެ. ޕީޕީއެމް ތަމްސީލް ކުރާ ވަކީލެއްގެ ގޮތުގައި ކޯޓުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ބަޖެޓް މަޖިލީހަށް ހުށަނޭޅުމަށް ދައުލަތުގެ ބަންޑާރަ ނައިބަށް ލަފާ ނުދެއްވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ބަޖެޓް ހުށައަޅަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ބަޖެޓް ހުށައަޅަންޖެހޭނީ ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިގެން ކަމަށާއި، ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާއި މާލިއްޔަތު ގާނޫނު އޮތް ގޮތުން ބަޖެޓް ހުށައަޅަން މަޖިލީހަށް ވަޑައިނުގަތުމަކީ ފިނޭންސް މިނިސްޓަރަށް ލިބިވަޑަައިގަންނަވާ ބާރެއް ނޫންކަމަށް އާޒިމާ ވިދާޅުވިއެވެ.



"ގާނޫނު އަސާސީ އާއި މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވާއިދާއި ހަވާލާ ދެއްވައި އެންގެވީމަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއީ ފިނޭސް މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަކަށް ހާޒިރުވެވަޑައިނުގަތުމަކީ، އެ ފުރުސަތު އޮންނަންވާނެ ކަމަށް ގަބޫލެއް ނުކުރަން އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ދަައުލަތުގެ ބަންޑާރަ ނައިބަށް ލަފައެއް ނުދެއްވޭނެ ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަނޭޅޭ ކަމަކަށް." އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ ދައުލަތުގެ ބަޖެޓަކީ އާދައިގެ ގޮތަކަށް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ. ބަންޑާރަ ނައިބް ދެއްވާ ލަފަޔަކުން ދުސްތޫރީ އޮނިގަނޑު ހުއްޓިގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށައަޅައި ބަޖެޓް ފާސްނުކުރެވިއްޖެނަމަ ގާނޫނު އަސާސީ މިހާރު އޮތް ގޮތުން މިއަހަރު ނިމުމުން ދައުލަތުން އެއްވެސް ކަމަކަށް ޚަރަދެއް ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"ދައުލަތުގެ ބަޖެޓަކީ މުސާރަ ވެސްމެ، ބަޖެޓަކީ މުވައްސަސާތައް ވެސް ބިލްތަކާއި އެހެން ހުރިހާ އެއްޗެއްވެސް މެ. އެހެންވެއްޖެ ކަމަށް ވާނަމަ ބަޖެޓް ހުށަނޭޅި ބަޖެޓް ފާސްނުވެއްޖެނަމަ ގާނޫނު އަސާސީ އޮތްގޮތުން އިތުރު ޚަރަދެއް ނުކުރެވޭނެ، މިއަހަރު ނިމުނީމަ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އަނެއްކާވެސް ގާނޫނީ އިމުގެ ތެރެއިން މަޖިލީހުގެ ރައީސް އިތުބާރު ނެތްކަމުގެ ވޯޓުގެ ނޯޓިސްގެ ގަރާރުގެ މުއްދަތު ހަމަވުމަށްފަހު އިތުރު ކަމެއް ނުކުރެވޭނެ އޭ ބުނާބުނުމަށް ޖާގަ ލިބޭނެ ކަމަކަށް." އާޒިމާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން