ފެލިދެ އަތޮޅު ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ދަރަނި ނުދައްކާ ފަރާތްތަކަށް ޚިދުމަތް ނުދިނުމަށް ނިންމާފައިވާ ނިންމުން ބާތިލް ކުރުމަށް އެޗްއާރްސީއެމްއިން އަންގައިފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީގައި ބަޔާންކުރާ އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ހިލާފުނުވާ ގޮތަށް، މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. އަދި އެގޮތަށް އަމަަލުކުރެވޭނީވެސް މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.



"ފެލިދޫ ކައުންސިލްގެ 29 ވަނަ އާއްމު ޖަލްސާއިން ފާސްކޮށްފައިވާ ކަމަށް އެ ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ފެލިދެ އަތޮޅު ފެލިދޫ ކައުންސިލަށް ގާނޫނީ ހަމަތަކުގެ މަތިން ލިބިދީފައިވާ ބާރެއް ނޫންކަމުގައި ދަންނަވަމެވެ." އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

މީގެއިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުން ހިދުމަތްތައް ފޯރުކޮށްދިނުމާއި އެއްވެސް މީހަކަށް ހިދުމަތް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ އެއްވެސް ހާލަތެއް ބަޔާންކޮށްފައިނުވާ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެފަވެއެވެ. އެގޮތުން ވަކި ބަޔަކަށް ޚިދުމަތް ނުދެވޭނެ ގޮތެއް ކައުންސިލަށް ނުހެދޭނެ ކަމަށް ވެސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްއާރްސީއެމުން އިތުރަށް ބުނީ ދަރަންޏަށް ފައިސާ ނުދެއްކުމުގެ މައްސަލަ ހައްލުކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ފެލިދޫ ކައުންސިލުން ކުރި އިއުލާނެއްގައިި ބުނީ އެކައުންސިލުން އެގޮތަށް ނިންމީ ކައުންސިލަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ގިނަ ގުނަ މަސައްކަތްތަކެއްކޮށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ ކަމަށެވެ. ވ. ފެލިދޫ ކައުންސިލުން ނިންމާފައިވަނީ ކައުންސިލަށް ދައްކަންޖެހޭ ދަރަނި އަދާކޮށް ނިންމަންދެން އެފަދަ ފަރާތްތަކާއި، އެފަރާތްތަކުގެ އަނބި، ފިރި އަދި ދަރިންނަށް ކައުންސިލުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދިނުމަށެވެ. އެގޮތަށް ނިންމީ ބުދަ ދުވަހު ބޭއްވި ކައުންސިލްގެ 29 ވަނަ އާއްމު ޖަލްސާއިން ފާސްކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން