މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ނަގާ ވޯޓަށް ނުފިއްލަވާ، އެކަމުގައި ގޮތް ނިންމުމަށް މެންބަރުންނަށް ފުރުޞަތު ދެއްވުމަށް ވިދާޅުވެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ރައްދު ދެއްވައިފިއެވެ.

ނިޔާޒް މިފަދައިން އިލްޔާސްއަށް ރައްދުދެއްވީ ރައީސް ނަޝީދު ވަކިކުރަން މެންބަރުން ލައްވާ ސޮއިކުރުވީ އެބޭފުޅުންނަށް ބިރުދައްކައިގެން ކަމަށް އިލިޔާސް ވިދާޅުވުމުންނެވެ. އެވާހަކައަށް ރައްދު ދެއްވާ ނިޔާޒް ވިދާޅުވީ އިލްޔާސްގެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ނިޔާޒު ވިދާޅުވީ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް އެދި ހުށައެޅި ގަރާރުގައި ސޮއިކުރި 49 މެމްބަރުންގެ އިތުރަށް، އިތުރު މެންބަރުން ސޮއިކުރަންވެސް، އަދި ވޯޓްދޭނެ އިތުރު މެމްބަރުންވެސް އެބަތިއްބެވި ކަމަށެވެ. ވޯޓަށް ނުފިލާ މެމްބަރުންނަށް ގޮތް ނިންމުމަށް ފުރުސަތު ދެއްވުމުން ނަތީޖާ ހާމަވެގެންދާނެ ކަމަށް ނިޔާޒް ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާ އެކުއެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވިފައިވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމާއި ގުޅިގެންނެވެ. އީވާ އެންމެފަހުން ވަނީ ސްޕްރީމްކޯޓަށް މައްސަލަ ހުށައަޅާފައިވާތީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދަވަން އިންކާރު ކުރަށްވާކަން މަޖިލީހަށް އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން