ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަޖިލީހުގެ ގަވައިދު އިސްލާހުކުރަން ލަފާ އަރުއްވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

ފިލްޒާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުންނެެވެ. އެ އަޑުއެހުމުގައި ފިލްޒާ ވިދާޅުވީ މައްސަލައިގައި ހޯދެން އޮތް ހައްލަކީ މަޖިލީހުގެ ގަވައިދު އިސްލާހު ކުރުންކަމަށެވެ. އަދި އެކަމުގެ ލަފާ އަރުވާފައިވާ ކަމަށް ފިލްޒާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ މަޖިލީހުގައި އިތުރު މަސައްކަތެއް ކުރެވޭނީ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅުމުން ކަމަށާއި އެ މައްސަލަ ހަމައެކަނި މަޖިލީހަށް ލިބުމުން ނުވަތަ އެޖެންޑާ ކުރުމަކީ މައްސަލަ ޖަލްސާއަށް ހުށަހެޅުން ކަމަކަށް ނުވާނެ ކަމަށެވެ. ފިލްޒާ ވިދާޅުވިގޮތުގައި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ނައިބު ރައީސަށް އެކަނި ބަަލަހައްޓަން ޖެހޭގޮތަށް ގަވައިދުގައި ބަޔާންކޮށްފައިވަނީ ވަކި ސަބަބުތަކަކާ ހެދިއެވެ.

އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ މަޖިލީހެއްގެ ދައުރުގައި އަންނާނެ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު އެ މައްސަލައަށްދޭ އަހައްމިޔަތުގެ ބޮޑުކަމުން މައްސަލަ ހިންގުމަށް ހަވާލުވާނީ ދެން މަޖިލީހުގައި ހުންނެވި އެންމެ އިސް ބޭފުޅާ ކަމަށް ފިލްޒާ ވިދާޅުވިއެވެ.

މާދަމާ ވެސް އެމައްސަލައިގެ އަޑުއެހުމެއް ބާއްވަން މިހާރު ވަނީ ސްޕްރީމް ކޯޓުގައި ތާވަލްކޮށްފައެވެ. ޢެމްޑީޕީން ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވެސް ވަނީ ތަދައްޙުލުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން