އެމްއެންޔޫ ލެކްޗަރާއެއް ކަމަށްވާ އަލީ ހަފީޒްގެ ގައިގައި ސައިކަލަކުން، ޖެހި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ސައިކަލު ދުއްވި 22 އަހަރުގެ ޒުވާނާއަށް އެއް އަހަރާއި ދިހަ މަހާއި 29 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިމައްސަލައިގައި ޖަލު ހުކުމެެެއް އިއްވާފައިވަނީ ރ. އިނގުރައިދޫ، ޝަމްއާން އަބްދުއްޝުކޫރުގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

އެ ކުށަށް ޝަމްއާން ތަހުގީގުގައި އިއުތިރާފުވެ ދައުލަތާއެކު އޭނާ ވަނީ އިއުތިރާފުވެ އެއްބަސްވުމެއް ހަދާފައެވެ. ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ވެސް އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.



މި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ ޖޫން 28 ވަނަ ދުވަހު ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުގައި ފަތިސް ނަމާދު ކުރުމަށް ފަހު، ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވި ޝަމްއާން އަބްދުއްޝުކޫރުގެ ލައިންސަންސް ނެތް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި ހަފީޒުގެ ބޮލަށާއި މޫނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ރާއްޖެއިން ބޭރުން ވެސް ހަފީޒް ވަނީ ފަރުވާ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން