އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ވަރަށް ރަނގަޅު ކަންތައްތަކެއް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ އިން "ދިވެހިންގެ ރާއްޖެ" ނަމުގައި ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އިންތިހާބީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އިސްލާމީ ވަޙުދަތު ދަމަހައްޓަވާނެ ކަމަށެވެ. އެގޮތުން އިންތިހާބުގެ ކެމްޕޭނުގެ ތެރެއިންނާއި ކެމްޕޭނަށްފަހު މުޢިއްޒު އެ ވާހަކަ ތަކުރާރު ކުރައްވާ އެ ޔަގީންކަން ދެެއްވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ޑރ. މުއިއްޒުގެ ވެރިކަމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި ދިވެހި ރާއްޖޭގައި ވަރަށް ރަނގަޅު ކަންތައްތަކެއް ކުރައްވާނެ ކަމަށް." ރިޔާސީ އިންތިހާބުގައި ޑރ. މުޢިއްޒުގެ ކެމްޕޭންގައި އިސް ދައުރެެއް އަދާ ކުރެއްވި ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި އޮތް ހަރުކަށި ފިކުރުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ގާނޫނުން ހަރުކަށި އަދަބު ދީގެން އެކަން ހައްލު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެމައްސަލަ ހައްލުކުރަން އިސްލާމްދީން ރަނގަޅު ގޮތުގައި ކުދިންނަށް ކިޔަވައިދޭންޖެހޭ ކަމަށާއި ދީން ރަނގަޅު ގޮތުގައި ދަރިވަރުންނަށް ކިޔަވައި ދެވިއްޖެނަމަ އޭގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަރުކަށި ފިކުރުގައި ޖެހިފައިވާ މީހުންނަށް ދީނުގައި އޮންނަ ރަނގަޅު ގޮތް އިލްމްވެރިން މެދުވެރިކޮށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި އެ ފަރާތްތަކާއި މެދު ވެސް ވާހަކަ ދެކެވޭނެ މަގެެއް ހޯދައިދޭންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ފިކުރީ މައްސަލަތަކަކީ ގާނޫނުން އަދަބު ދީގެން ހައްލު ކުރެވޭނެ މައްސަލަތަކެއް ނޫން، އެމައްސަލަ ތަކަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހުނީމަ އަޅަންވެސް ޖެހޭނެ، އެއީ ހަމަ ކުރަންޖެހޭ ކަމެއް ދައުލަތުގެ އާންމު މަސްލަހަތު ހިފެހެއްޓުމަށްޓަކައި ދީނީ ވަހުދަތު ދެމެހެއްޓުމަށްޓަކައި. އެގޮތަށް ވެސް ޚިޔާލު ތަފާތުވާ މީހުންނާއި މެދު ވެސް ވާހަކަ ދެކެވޭނެ މަގެެއް އޮންނަންޖެހޭ. ކިހިނެތް ވެގެންތޯ އެވާހަކަތައް އެ ދެކެވެނީ ދީނުގައި އޮތް ރަނގަޅު ގޮތް ނޭގެނީތޯ؟ ބައެއް މީހުންނަށް ނޭނގި އެހެން ގޮތަކަށް ވިސްނޭތީ ދައްކާ ވާހަކަތައް ވެސް އެބަހުރި،" އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަން ވެސް ކުރެއްވި ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ހީލާ

07-Nov-2023

ކަލޯ ތިހުރީ ހަމާގަތަ ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު އަދި އޮތްގޮތައްއަދިއެބައޮތް އަދި ނުގެއްލޭ



ޓްރެންޑިން