މަޖިލީހުގެ ރިޔާސަތު ބަދަލު ނުކުރެވުނު ނަމަވެސް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރާ ޖަލްސާއަށް އުނދަގޫ ކުރަން އެމްޑީޕީ މެމްބަރުން ނުދާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް މިރޭ ވިދާޅުވެއްޖެއެެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރާ ކަމަކީ މަޖިލީހުގެ ރިޔާސަތު ބަދަލުކުރުން ކަމަށެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހު 17 ވަނަ ދުވަހާއި ހަމަޔަށް މަޖިލީހުގެ ރިޔާސަތު ބަދަލުނުކުރެވިއްޖެނަމަ ދެން އަމަލު ކުރާނެ ގޮތެއް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަދަލުނުކުރެވުނު ނަމަވެސް އިންތިހާބީ ރައީސް ހުވާކުރާ ޖަލްސާއަށް އުނދަގޫކުރުމުގެ ވިސްނުމެއް އެމްޑީޕީން ނުގެންގުޅޭ ކަމަށެވެ. އަދި ރައީސް ހުވާކުރާ ރަސްމިއްޔާތަށް އެޕާޓީގެ މެމްބަރުން ހުރަސް ނާޅާނެ ކަަމަށް ނިޔާޒު ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި އާ ރައީސް ހުވާކުރާ ޖަލްސާ އަށް އުނދަގޫކުރާކަށް އަޅުގަނޑުމެން ނުދާނަން، އެއީ ހަމަޔަގީންކަމެއް އެންމެންނަށް އިއްތިފާގުކުރެވޭ ކަމެއް. އެކަން ކުރުމަށް ހުރަހެެއް އަޅުގަނޑުމެން ނާޅާނަން، މިގޮތަށް ރިޔާސަތު އޮންނަ ކަމަށްވާނަމަ އިހުތިޖާޖްކުރާނެކަމީ ޔަގީންކަމެއް. އިހުތިޖާޖްކުރަނީ ކޮން މިންވަރަކަށްތޯ ކޮން ގޮތަކަށްތޯ އެކަން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ނިންމާނެ،" ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒު ވިދާޅުވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ ދިގުދަންމަނީ ދަ ޑިމޮކްރެޓްސްއިން އެ ޕާޓީގެ މެންބަރަކު އިންނަވާ މަޖިލީހުގެ ރިޔާސަތެއްގައި އިންތިޚާބީ ރައީސް މުޢިއްޒު ހުވައިކުރުވަން ކަމަށެެވެ. އަދި އޭގެ ސަބަބަކީ އައު ސަރުކާރަކީ ޑިމޮކްރެޓުންގެ ބައިވެރިވުމާއެކު ހޮވުނު ސަރުކާރެއް ކަމަށް އެ ޕާޓީގެ މެންބަރުން ގަބޫލުކުރާތީކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވާ މައްސަލަ އާއި ގުޅިގެން ހައްލެއް ހޯދުމަށް އެމްޑީޕީން މިހާރު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ އެއް ވެސް ހުށައަޅާފައެވެ. އެމައްސަލައިގެ އަޑުއެހުންތައް އިއްޔެ ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން