ރާއްޖޭގެ އިކޮނޮމިކް ޒޯންގައި ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހައްޔަރުކުރި އިންޑިއާގެ 12 މަސްވެރިން ދޫކޮށްލުމަށް އެޤައުމުގެ ޓެމިލް ނާޑޫ ސަރަހައްދުގެ ޗީފް މިނިސްޓަރ އެމްކޭ ސްޓާލިން ގޮވާލައްވައިފިއެވެ.

ސްޓާލިން ވަނީ ހޯމަ ދުވަހު އިންޑިއާގެ ޔޫނިއަން މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް އެސް. ޖައިޝަންކަރަށް ސިޓީއެއް ލިޔުއްވައި، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ޓެމިލް ނާޑޫގެ 12 މަސްވެރިންގެ މައްޗަށް ކޮށްފައިވާ އަދަބު މައާފުކޮށްދެއްވުމަށް ދިވެހި ސަރުކާރާއި ވާހަކަދެއްކެވުމަށް އެދިވަޑައިގަންނަވާފައެވެ.

މަސްވެރިންނާއި އެމީހުންގެ އާއިލާތައް ދިރިއުޅުމަށް ބަރޯސާވެފައިވަނީ ހަމައެކަނި މަސްވެރިކަމުގެ މައްޗަށް ކަމަށާއި އެމީހުންގެ ކިބައިގައި ބޮޑު ޖޫރިމަނާއަކަށް ފައިސާ ދެއްކުމުގެ ގާބިލުކަން ނެތް ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ.

"އެއީ އެމީހުންނާއި އެމީހުންގެ އާއިލާތައް ދާއިމީ ގޮތެއްގައި ނިކަމެތި ކުރުމުގެ ބިރު އޮތް ކަމެއް،" ޗީފް މިނިސްޓަރު އޭނާގެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ވަނީ ރާއްޖޭގެ އިކޮނޮމިކް ޒޯންގައި މަސްވެރިކަން ކުރަމުންދިޔަ އުޅަނދެއްގައި ތިބި 12 އިންޑިއާ މީހުން ހައްޔަރުކޮށްފައެވެ. އެއާއިއެކު، ދިވެހި ސަރުކާރުން ވަނީ އެ ގައުމުގެ މަސްވެރި އުޅަނދު 42،00،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ސަރުކާރަށް އެ އަދަދު ދައްކަން 30 ދުވަހުގެ ނޯޓިސްއެއްވެސް ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން