މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހަވާލުކުރަން ކަނޑައެޅި ފްލެޓް ދޫކުރުމުގެ މަސައްކަތް މަޑުޖައްސާލައި، އެ މަސައްކަތް އަލަށް އިންތިޚާބުވީ ސަރުކާރާއި ހަވާލުކުރުމަށް އިންތިޤާލީ އޮފީހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަދައްކަވަމުން އިންތިޤާލީ އޮފީހުގެ ތަރުޖަމާނު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ ފްލެޓް ދޫކުރުމުގައި ނާއިންސާފުވެރިކަން ހާމަވެގެންދިޔަ ކަމަށާއި އެކަން އެގޮތަށް ވިޔަނުދިނުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ސާބިތުވެއްޖެ ޙާލަތެއްގައި އެކަމަށް އަލަށް އިންތިޚާބުވީ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

"ނުހައްގުން, ނުގަވާއިދުން އުސޫލުތަކުގެ ބޭރުން ކަންތައްތަކެއް ހާސިލުކޮށްފައިވާނަމަ, ޝަރުތު ހަމަނުވާ ފަރާތްތަކަށް ދީފައި ހުރި ކަމަށްވާނަމަ, ނުވަތަ އެފަދަ އެހެން ކަންކަން ހުރި ކަމަށް ވާނަމަ އެކަންކަމާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ. އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވަނީ ނާއިންސާފުގެ ކުރިމަތީގައި ނާއިންސާފުން ކަންތައްތަކެއް ހިނގައިގެންދާއިރު މިކަންކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި ހުރުމަކީވެސް ނުވަތަ އެކަންކަމާ އަޅާނުލެއްވުމަކީވެސް އެއީ އަދުލުވެރި ގޮތެއް ނޫނޭ." ފިރުޒުލް ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވެރިކަމުގެ ހުވައި ކުރެއްވުމަށް 9 ދުވަހަށް ވެފައިވާއިރު، އަވަސް އަރުވާލައިގެން ފްލެޓްތައް ހަވާލުނުކުރުމަށް އިންތިގާލީ އޮފީހުން ވަނީ އިލްތިމާސްކޯށްފައެވެ.



މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބިނާކުރި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކުރުމާއިއެކު ގިނަ ބަޔަކު އިއްޔެ ވަނީ އެލިސްޓުގައި ޕޮއިންޓް ދީފައި ހުރި ގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ޢާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕޮއިންޓް ލިބިފައިވާ ގޮތް ހާމަކޮށްފައި ނުވުމެވެ. އަދި އިންސާފުވެރި ގޮތަކަށް ފްލެޓްތައް ދޫކޮށްފައި ނުވުން ކަމަށްވެސް އެމީހުން ފާހަގަކޮށްފައި ވެއެވެ.

އާންމުންގެ ޝަކުވާއައި ގުޅިގެން އޭސީސީއިން ވެސް ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން