އަލަށް އިންތިޚާބުވީ ސަރުކާރުން މިހާރުގެ ސަރުކާރަށްވުރެ ބޮޑަށް މުއައްސަސާތަކުގެ މާލީ މުސްތަގިއްލުކަމާއި މިނިވަންކަން އިތުރުކޮށްދޭނެ ކަމުގައި އިންތިޤާލީ އޮފީހުގެ ތަރުޖަމާނު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިއަދު މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ އިންތިގާލީ އޮފީހުން މުއައްސަސާތަކަށް ކުރި ޒިޔާރާތުން ވަރަށް ގިނަ މައްސަލަތަކާއި ކަންބޮޑުވުންތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަމަށް ހައްލު ގެނެސްދިނުމަށް މުއައްސަސާތަކަށް މާލީ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"އިންތިހާބީ ރައީސްގެ ވިސްނުންފުޅަކީ މިހާރަށްވުރެ ވަރަށް ބޮޑަށް އިތުރަށް މުއައްސަސާތަކުގެ މާލީ މުސްތަގިއްލުކަން އިތުރުކޮށްދިނުން." ފިރުޒުލް ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، ގާނޫނު ތަސައްވުރު ކުރާ މިންވަރަށް މިދިޔަ ފަސް އަހަރު ތެރޭ މުއައްސަސާތަކުގެ މެންޑޭޓް އަދާކުރެވިފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މެންޑޭޓް ވަރަށް ފުޅާކޮށް އޮތް ކަމަށް ވިޔަސް މުއައްސަސާތައް ވަރަށް ހަނިކޮށް މާނަ ކުރުމުގެ ސަބަބުން މަސައްކަތްތައް ނުކުރެވި އޮތްކަން ވެސް ތަރުޖަމާން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރަށްވެސް، މުއައްސަސާތަކުން އެދިފައިވާ ބަޖެޓު އެ މުއައްސަސާތަކަށް ދުވަހަކުވެސް ނުލިބޭކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ބައެއް މުއައްސަސާތަކުގެ މެންޑޭޓް ފުށުއަރާ މައްސަލަތައް ވެސް ފާހަގަ ކުރެވިފައިވާތީ އެކަންކަން ހައްލު ކުރުމަށް އައު ސަރުކާރުން ގާނޫނަށް އިސްލާހުތައް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ފިރުޒުލް ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން