ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 19 އަހަރުގެ ފިިރިހެނަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިރާރު ވިދާޅުވީ މިއަދު ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ޙާލަތު ވަރަށް ގޯސް ކަމަށެވެ. އެހެންކަމުން، އައިޖީއެމްއެޗްއާއި ގުޅިގެން އޭނާ ވީހާވެސް އަވަހަށް މާލެ ގެނައުމުގެ މަސައްކަތް ކަމާއި ގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއިއެކު ކުރަމުން ދާ ކަމަށެވެ.

"ޕޭޝަންޓްގެ މޫނުގެ ވާތް ފަރާތަށް އަދި ހަށިގަނޑަށް ވަރަށް ބޮޑަށް އަނިޔާވެފައިވަނީ. ވަރަށް ބޮޑަށް ލޭވެސް ފޭބި. މިރޭ 08:30 އެހާކަށްހާއިރުގައި ފުވައްމުލަކުން ފުރުވާލެވޭތޯ މަަސައްކަތްކުރަމުން މި ދަނީ."

ލިރާރު ވިދާޅުވީ މިވަގުތު އޭނާއަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. އަދި މިވަގުތު އޭނާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށްވެސް ލިރާރު ވިދާޅުވި އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބު އޭނާއަށް އެނގިފައިނުވާ ކަމަށާއި ފުވައްމުލަކުގެ ފުލުހުން އެކަން ބަލަމުންދާ ކަމަށް ލިރާރު ވިދާޅުވިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިއީ ބަނދަރު ސަރަހައްދުން ރަށުތެރެއަށް ވަންނަން އައި ސައިކަލެއްގައި ލޮރީއަކުން ޖެހި ހިނގި އެކްސިޑެންޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން