ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު ނޭނގޭ ކަމަށް އިންތިޤާލީ އޮފީހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތިޤާލީ އޮފީހުގެ ތަރުޖަމާނު ފިރުޒުލް ޚަލީލް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމާއި ދޭތެރޭ އެއްވެސް ޝައްކެއް ނެތް މިންވަރަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ސަރުކާރުން އެކަން ކަށަވަރު ކޮށްދީފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރާއި ދެމެދު ދެކެވުނު ވާހަކަތަކުގެ ތެރެއިންވެސް އެކަން ހާމަވެގެންދިޔަ ކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް ޖުމްލަ ތިބި އަދަދަކާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް އެކަށީގެންވާ އެންމެ ފުރިހަމަ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވޭނ" ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ފިރުޒުލް ވަނީ އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުންތައް ހޯދަން ކުރަމުންދާ މަސައްކަތަށް ބައެއް މުއައްސަސާތަކުން ފުރިހަމައަށް އެއްބާރުލުން ނުދޭ ކަން ފާހަގަކުރައްވާފައެވެ.

ފިރުޒުލް ވިދާޅުވިގޮތުގައި ބައެއް މަޢުލޫމާތުތައް ހާމަކުރެވެން ނެތަސް، މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާފައި ކުރަން ޖެހޭ މަސައްކަތްތައް އެ އޮފީހުން ކުރަމުންދާ ކަމަށެވެ.

"މިވަގުތުގެ ހާލަތުގައި އަޅުގަނޑުމެން މިތިބީ އެ އެއްބަސްވުންތައް ހާމަކުރުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމޭ ހާލަތެއްގައެއް ނޫން." އެހެން ނަމަވެސް ފާހަގަވެފައި ހުރި ކަންތައްތަކާ ގުޅޭ ގޮތުން މަސައްކަތްތަކެއް މިހާރުވެސް ފެށިގެން ކުރިއަށް އެބަދާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން