ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ނިންމަން ކޮންޓްރެކްޓަރުންނަށް ދީފައިވާ މުއްދަތު އިތުރުކޮށްދިމަށް ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސަރކިއުލަރއެއްގައި ބުނީ މަޝްރޫއުތައް ނިންމަން ދީފައިވާ މުއްދަތު އިތުރުކޮށްދޭނީ 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތު އިއުލާނު ކުރެވުނު ފަހުން އަދި، މި އަހަރުގެ މޭ މަހުގެ 30ވަނަ ދުވަހުގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ވެސް ކުރިއަށްދާ މަޝްރޫއުތަކަށް ކަމަށެވެ. އެގޮތުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް މަސައްކަތް ނިންމުމަށް އިތުރު ހަ މަސް ދުވަސް ދިނުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ އަމީރު ސޮއިކުރައްވާ ނެރުނު ސަރކިއުލަރގައިވެއެވެ.

ފިނޭންސްގެ ސާރކިއުލަރގައިވާގޮތުން މުއްދަތު އިތުރު ކޮށްދޭނީ ހުރިހާ ކޮންޓްރެކްޓަރުންނަކަށްނޫނެވެ. އޭގެ ބަދަލުގައި މި ލުއި ލިބޭނީ އެކަމަށް އެދި ހުށަހަޅާ ކޮންޓްރެކްޓަރުންނަށް އެކަނި ކަމަށްވެސް ސަރކިއުލާގައިވެއެވެ.

ސާރކިއުލަރގައިވާގޮތުން މަސައްކަތް ނިންމަން ބޭނުންވާ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ކޮންޓްރެކްޓަރުން މި މަހުގެ 16 ގެ ކުރިން މުއްދަތު އިތުރުކުރުމަށް އެ މަޝްރޫއު ކުރިއަށް ގެންދާ އޮފީހެއްގައި އެދެންޖެހޭނެއެވެ. އަދި ކޮންޓްރެކްޓަރުން އެދޭގޮތަށް އެކަންކަން ކޮށްދެއްވުމަށްވެސް ސަރކިއުލަރގައިވެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން