ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކޮށް ނިންމަން ވަކި ތާރީޚެއް ކަނޑަނޭޅޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ފްލެޓްތައް ދޫކޮށް ނިންމާނެ ތާޜީހެއް ކަނޑަނޭޅުނަސް، މަސައްކަތް ކުރަމުންދަނީ އުސޫލުތަކުގެ ތެރެއިން ފްލެޓުތައް ދިނުމަށް ކަމަށެވެ.

"ނިމިއްޖެއްޔާ ނިމުނީ, އެކަމަށް ވަކި ޑޭޓެއް ނުދޭނަން. ފްލެޓް ދޫކޮށް ނިމޭތޯ މަސައްކަތް ކުރާނީ," އަކްރަމް ވިދާޅުވިއެވެ.

އަކްރަމް މިހެން ވިދާޅުވެފައިވާއިރު މިއަދު އިންތިޤާލީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުން ވަނީ ފްލެޓް ދޫކުރުން މަޑުޖައްސާލައި އެމަސައްކަތް އަލަށް އިންތިޚާބުވީ ސަރުކާރާއި ހަވާލުކުރުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަު އެދިވަޑައިގަންނަވާ ކަމަށް ހާމަކުރައްވާފައެވެ. އެހެން ނަމަވެސް، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވަނީ ސަރުކާރު ބަދަލުވާން ކުޑަދުވަސްކޮޅަކަށްވެފައިވީ ނަމަވެސް، އެމަސައްކަތް ހުއްޓާނުލާނެ ކަމަށް ވިދާޅުވެފައެވެ.

ފްލެޓަށް ހުށަހެޅި މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތާއި މެދު ވަރަށް ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފައެވެ. އެހެންކަމުން، އޭސީސީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ދޫކުރުން މަޑުޖައްސާލުމަށް ޕްލޭނިންގ މިނިސްޓްރީއަށް އަންގާފައެވެ. މިކަމާ ބެހޭގޮތުން އޭސީސީއަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީއަށް ވަނީ އެ އިދާރާގެ ޓީމެއް ވަދެފައެވެ. ޕްލޭނިންގ މިނިސްޓްރީން ވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށާހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

"އެ ގެރެންޓީ އެބަ އޮތް. އިއްޔެ އޭސީސީގެ ބޭފުޅުން ވަޑައިގެން ބެއްލެވި އެއްޗެހި. އަޅުގަނޑަށް ފެންނަ ގޮތުގައި އެބޭފުޅުން ވަރަށް ހިތްހަމަޖެހިވަޑައިގެންނެވި. ނުދައްކާ އެއްވެސް އެއްޗެއް ނޯންނާނެ, ހުރިހާ އެއްޗެއް ބެއްލެވި." އަކްރަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން