ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަޑައިގަންނަވަނީ އެމަނިކުފާނު މަޤާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ އިތުރުބާރުނެތްކަމުގެ މައްސަލައަށް ފިއްލެވުމަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހެންލީ އެންޑް ޕާޓްނާސް އިންވެސްޓުމެންޓު ފާމުން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އިއްޔެ ވަނީ ފުރާވަޑައިގެންފައެވެ.



މި އަހަރު ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރަށްވެހިކަމާއި އިންސާނީ ހައްގުތަކާއި ރަށްވެހިކަމުގެ އުސޫލުތަކަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރާ މި ކޮންފަރެންސްގައި ނަޝީދު ބައިވެރިވެވަޑައިގެން، ތަޤުރީރުކުރެއްވުމަށް އެދިވަޑައިގަތީ އަމިއްލައަށް ކަމަށް ބެލެވިދާނެކަމަށެވެެ. އެގޮތުން މި ކޮންފަރެންސްްގައި ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ނަންފުޅުތައް އެންމެ ފުރަތަމަ ޝާއިއުކުރި ލިސްޓުގައި ރައީސް ނަޝީދުގެ ނަންފުޅެއް ނެތްކަން ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.

ރޮޒައިނާ ވިދާޅުވީ އަމިއްލަފުޅަށް އެދިވަޑައިގެން މި ކޮންފަރެންސްގައި ތަޤުރީރުކުރެއްވުމުގެ ފުރުސަތު ނަޝީދު ހޯއްދެވީ މިހާރު މަޖިލީހުގައި އޮތް އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލަ އިތުރަށް ލަސްކުރެއްވުމަށް ކަމަށެވެ. އަދި އެމަނިކުފާނު ފަދަ ޑިމޮކްރަސީއާ ދުރު ބޭފުޅަކު ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަކި މުޅި ކޮންފަރެންސަށްވެސް ލަދުވެތި ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވަނީ މި ކޮންފަރެންސް އިންތިޒާމުކުރާ ހެންލީ އެންޑް ޕާޓުނާސް ޓެގުކުރައްވައި ކޮންފަރެންސަށް ނަޝީދު ތައާރަފުކޮށްދޭއިރު މަޖިލީހުގެ ފިއްލެވި ރައީސްގެ ގޮތުގައި ތައާރަފުކުރުމަށް ގޮވާލައްވާފައެެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ 49 މެންބަރެއްގެ ސޮޔާއެކު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމުންވެސް މަޤާމުން އިސްތިއުފާނުދެއްވާކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުގެ ޖަލްސާއެއްގައި ކުރިއަށްގެންދަވަން އެމަނިކުފާނުގެ ދެބެއިންގެދެދަރި ކޮއްކޯފުޅު، މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ހުރަސްއަޅުއްވާ ކަމަށްވެސް ރޮޒައިނާ ތުހުމަތުކުރެއްވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން