ވ. އާރަށު މައްސަލައާ ގުޅިގެން ޕީޕީއެމްގެ ރައީސް ޔާމީން އަބުދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ހުކުމުގައިވާ 5 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތުން ހުށަހެޅި މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ވ. އާރަށު މައްސަލައާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ އެ އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާއެކު 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް އެ އެފައިސާ މީރާ އަށް ހަމަސް ތެރޭގައި ދެއްކުމަށް ކުރިމިނަލް ކޯޓުން ވަނީ ޔާމިންގެ މައްޗަށް އަމުރުކޮށްފައެވެ.

އެހުކުމް ރައީސް ޔާމިންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ބަންޑާރަ ނައިބްގެ އޮފީހުގެ ފަރާތުން ވަނީ ޔާމިން އަތްޕުޅުން 5 މިލިއަން ޑޮލަރު ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެެ.

އެމައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އާރަށު މައްސަލާގައި އިއްވާފައިވާ ހުކުމުގެ އިސްތިއުނާފާއެކު، އެ ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް ރައީސް ޔާމީން ހައިކޯޓުގައި އެދިވަޑައިގަތުމުން އެފަދަ އަމުރެއް އެ ކޯޓުން ނެރެފައި އޮތްކަން އެނގެން އެބައޮތް ކަމަށެވެ.

އެ މައްސަލާގައި ހައިކޯޓުގެ އަޑުއެހުންތައް ނިމި ހުކުމެއް ކުރާނެ ވަކި ތާރީޚެއް އަންދާޒާކުރަން ނޭނގޭތީއާއި، އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމި ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފިނަމަ، އެ ފައިސާ ހޯދުމަށް ތަންފީޒުކުރުމުގެ އަމުރަކަށް އެދުމުގެ އިޚުތިޔާރު ދައުލަތަށް އޮންނާނެތީ، ހައިކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށް ހުކުމްގައި ބުނެފައިވެއެެވެ. އެހެންކަމުން ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި ހިމެނޭ ފައިސާގެ ބައި ތަންފީޒުކުރަން އެދި ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިހާރު ކުރިއަށްގެންދަންޖެހޭ ސަބަބެއް ނެތުމުން، އެ މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފައެވެ.

ޔާމިން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އާއި ގުޅިގެން އެކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހައިކޯޓުގައި ހިނގަމުންދާ އާރަށު މައްސަލައިގެ އަޑުއެހުންތައް ނިންމައި ގޮތެއް ކަނޑައެޅުމާ ހަމައަށް، އެ ފައިސާ ހޯދުމުގެ ގޮތުން ކޯޓަކަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިވާނަމަ އެ މައްސަލައެއް ކުރިއަށްނުގެންދިއުމަށެވެ. އަދި އެނޫންވެސް ގޮތަކުން އެ ފައިސާ ހޯދުމަށް މީރާއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް ހައިކޯޓުން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން