2027 ވަނަ އަހަރު ނިމޭއިރު ފެނަކައިގެ 90 އިންސައްތަ ދަރަނި ދައްކާ ނިމޭނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައިން ހިންގި ޕްރޮޖެކްޓްތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ 2024 ވަނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް ނިންމަން ޓާގެޓްކޮށްފައިވާ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ފޯކާސްޓު ދައްކާ ގޮތުން 2027 ވަނަ އަހަރު ނިމޭއިރުގަ ފެނަކައަށް ލިބޭ އާމްދަނީން ފެނަކައިގެ ދަރަނި ދައްކަމުން ގޮސް ހަމަ ގާތްގަނޑަކަށް 90 އިންސައްތަ ދަރަނި އަޅުގަނޑުމެންނަށް ހަލާސްކުރެވޭނެ." ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ފެނަކައިގެ ދަރަނި ބޮޑުވީ ކުންފުނީގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރި މަސައްކަތާއި ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުން ކަމަށެވެ. އަގުތައް އުފުލުމުންވެސް އިންފްރާސްޓްރަކްޗާގެ މަސައްކަތް ނުހުއްޓުމާއި ގުޅިގެން އަންދާޒާ ކުރި ވަރަށްވުރެ ބޮޑަށް ދަރަނި އިތުރުވި ކަމަށް ސަޢީދު ވިދާޅުވިއެވެ. ސަރުކާރުން ރާއްޖޭގައި ހިންގި ބޮޑެތި މަޝްރޫޢުތަކަށް ބަޖެޓުން ބޭރުން ބޮޑެތި ޚަރަދުތައް ކުރަން ޖެހުންވެސް ދަރަނި ބޮޑުވުމުގެ އެެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކުންފުނީގެ މާލީ ޙާލަތަށް އަލިއަޅުވާލައްވަމުން ސަޢީދު ފާހަގަކުރެއްވި ގޮތުގައި ފެނަކައަކީ އާމްދަނީ ހޯދަން ޤާއިމުކުރެވިފައިވާ ތަނެއް ނޫނެވެ. އެކަމަކު، ރަށްރަށުގެ ގެތަކުގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުން ކުރެވޭނެ ގޮތަށް ފެނަކައިން ކަރަންޓު ފޯރުކޮށްދިނުމުން އާމްދަނީ އިތުރުވި ކަމަށް ސަޢީދު ވިދާޅުވިއެވެ. ސަޢީދު ވިދާޅުވިގޮތުގައި މި ސަރުކާރުން ފެނަކައާއި ހަވާލުވި ފަހުން ކުންފުނީގެ އާމްދަނީ 40 އިންސައްތައިން އިތުރުވިކަމަށެވެ.

މީގެ އިތުރަށްވެސް، ސަޢީދު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެއް ކަނެކްޝަން ހިލޭ ގުޅައިދިނުމަށް ޤާނޫނަކުން ކަނޑައެޅުމުގެ ސަބަބުން އެކުންފުންޏަށް ފެނާއި ނަރުދަމާގެ ސަބަބުން ލިބެމުންދިޔަ ބޮޑު އާމްދަނީ ނުލިބުނު ކަމަށެވެ. ،ނޫސްވެރިންނާއި ވާހަކަދައްކަވަމުން ސަޢީދު އިތުރަށް ވިދާޅުވިގޮތުގައި މިނިމަން ވޭޖް ކަނޑައެޅުމުން ކުންފުނީގެ މުވައްޒަފުންގެ ޕޭރޯލަށް އައި ބަދަލުތަކާއި ގުޅިގެން ވެސް އާމްދަނީއަށް ލޮޅުންތަކެއް އެރިކަމަށެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން