ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަލުކުރައްވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވި ނިންމެވުމަކީ ވަރަށް މުހިއްމު ނިންމެވުމެއްކަމަށް އެންވާރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ އިއްޔެއެވެ.

ރައީސް ސާލިހުގެ ނިންމެވުމަށް ތައުރީފް ކުރައްވަމުން ޝައުނާ ވިދާޅުވީ ފެހުރިއްސަކީ ދުނިޔެއިން ނެތިދިއުމުގެ ބިރު އޮތް ބާވަތެއްކަމަށެވެ. އަދި ވަށައިގެންވާ ގުދުރަތީ މާހައުލުގެ ރައްކާތެރިކަމަށްވެސް ފެހުރިހި ހިމާޔަތްކުރަންޖެހޭ ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ރައީސް ސާލިހުގެ ނިންމެވުމަކީ ފެހުރިހި ހިމާޔަތްކުރުމުގެ މަސައްކަތުގައި އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށެވެ.



ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާޖޭގެ މަސްވެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު:14/2019) ގެ ދަށުންނެވެ. ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 04/93)ގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައި ވަނީ ފެހުރިއްސަކީ މަސްވެރިކަމާއި ގުޅުންހުރި ދިރުމެއް ނޫންކަމާއި އަދި ރާއްޖެއާ ދުނިޔޭގެ ފެންވަރުގައިވެސް މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ މަހެއްނޫންކަމަށްވުމާއެކު ފެހުރިހި އެންމެ ރަނގަޅަށް ރައްކާތެރިކޮށް ދަމަހައްޓާ މެނޭޖްކުރެވެން އޮތީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުންކަމަށްވާތީކަން ވަޒީރުންގެ މަޖިލިހަށް ހުށަހެޅި ކަރުދާހުގައި ބަޔާންކުރައްވާފައިވެއެވެ.

ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ (އައި. ޔޫ. ސީ. އެން)ގެ ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއްކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ. ހަމަ އެހެންމެ، ފެހުރިއްސަށް ރާއްޖޭގައި ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާކަން ވެސް މި ކަރުދާހުގައި ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން މި ދިރުން ހިމާޔަތްކުރުމުން، މި ދިރުމަށް ލިބޭ ގެއްލުންތައް މަދުވެ، މާހައުލީގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދިއުމާއި އަދި ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީގޮތުން އަދި އިޖުތިމާޢީ ގޮތުން ވެސް ގިނަގުނަ ފައިދާތައް ލިބިގެންދާނެކަމެއްކަން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހުގައި ފާހަގަކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން