ފޮޓޯ: ޕެލަޖިކް ޑައިވަރސް މޯލްޑިވްސް
ފޮޓޯ: ޕެލަޖިކް ޑައިވަރސް މޯލްޑިވްސް
ފުވައްމުލަކުގައި އިއްޔެ މެންދުރު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން ރޭގެ ވަގުތެއްގައި މާލެއަށް ގެނެސްފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މަޢުލޫމާތު ދީފިއެވެ.

މިކަމާއި ގުޅޭގޮތުން "ރަސް އޮންލައިން"އަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރ މުޙައްމަދު ލިރާރު ވިދާޅުވީ އިއްޔެ މެންދުރު ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 42 އަހަރުގެ ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލޭގެ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި މިއަދު އޭޑީކޭއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

"މި ރަށު ޖަމާލުއްދީން ނައިބު ތުއްތު މަގުން ދުއްވާފައި ދިޔަ ސައިކަލެއް އެމަގަށް ނިކުތް ކާރެއްގައި ޖެހިގެން ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އެމީހާގެ ފަޔަށް ކަންނޭނގެ ކާރު އަރާފައިވަނީ. އެތެރެހަށްޓަށްވެސް ކޮންމެވެސް ވަރަކަށް އަނިޔާތަކެއް ލިބިފަވޭ." ލިރާރު ވިދާޅުވިއެވެ.

އަންގާރަ ދުވަހުވެސް ފުވައްމުލަކުގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި ވެއެވެ. މި ހާދިސާގައި އަނިޔާވި 19 އަހަރުގެ ފިރިހެނަކަށް މިވަގުތު ދަނީ އޭޑީކޭގައި އިތުރު ފަރުވާ ދެމުންނެވެ. އެ އެކްސިޑެންޓްގައި އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ޒަޚަމްތަކެއް ލިބިފައި ވެއެވެ. އޭނާގެ ޙާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވަމުންދާ ކަމަށް ލިރާރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން