ފިއްލަދޫއަށް 2021 ވަނަ އަހަރު ހިޖުރަކުރި ގުޑުގުޑާ ދޫނިތައް----ފޮޓޯ: ބްލޫ ޕީސް މޯލްޑިވްސް އެމްވީ ޓްވިޓާ ހޭންޑްލް
ފިއްލަދޫއަށް 2021 ވަނަ އަހަރު ހިޖުރަކުރި ގުޑުގުޑާ ދޫނިތައް----ފޮޓޯ: ބްލޫ ޕީސް މޯލްޑިވްސް އެމްވީ ޓްވިޓާ ހޭންޑްލް
އިރުވައި މޫސުމާ ދިމާކޮށް މި ދުވަސްވަރު އެކި ބާވަތުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާނެ ކަމަށް ބެލެވޭތީ، އެތަކެއްޗަށް ގޯނާކޮށް އަނިޔާނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އީޕީއޭއިން ނެރުނު ސާކިއުލާއެއްގައި ބުނީ މިގޮތަށް ހިޖުރަކުރާ ދޫނިތަކަކީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކެއް ކަމަށެވެ. އެގޮތުން، ހިޖުރަކުރާ ދޫނިތައް ހިފައި އެ ތަކެތި ގެންގުޅުމަކީ މި ޤަވާއިދުގެ ދަށުން މަނާކުރެވިފައިވާ ކަމެކެވެ.

އީޕީއޭއިން ބުނި ގޮތުގައި، ރާއްޖެއިން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މޫސުމާ ގުޅިގެން މިތަނަށް ހިޖުރަކުރާ ދޫންޏެވެ. ވުމާއިއެކު، އެ ތަކެތި ރައްކާތެރިކުރުމަކީ ރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އީޕީއޭގެ ސަރކިއުލާގައި ބުނެފައި ވެއެވެ.



ކޮންމެ އަހަރަކު މި ދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ދޫނިތައް ހިފައި ވިޔާފާރި ކުރުމަށާއި މުނިފޫހިފިލުވުމަށް ގެންގުޅޭ މައްސަލަތައް މީގެ ކުރީގައި ފެންމަތިވެފައިވާތީ އީޕީއޭއިން ވަނީ އެކަހަލަ އަމަލުތައް ތަކުރާރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.



އީޕީއޭ އިން ބުނީ ގުދުރަތީ މާހައުލުގައި ދިރިއުޅޭ ދޫނިސޫފާސުއިތްޕަށް ކާންދިނުމަކީ އެ ސޮރުމެންގެ ގުދުރަތީ ސިފަތަކަށް ނުވަތަ އުޅުމަށް ބަދަލު އައިސް، އިންސާނުންގެ ފަރާތުން ޖެހޭ ބަލިތަކަށް ހުށަހެޅިގެންދާ ކަމެއް ކަމަށެވެ. އަދި މި ކަހަލަ ދޫނި ހިފައި އޮޅުކޮށްގެން ގެންގުޅުމުން ދޫނިތަކުގެ އާބާދީ އަށް އެކަމުން ނޭދެވޭ އަސަރު ފޯރާ ކަމަށް ވެސް އެ އެޖެންސީން ފާހަގަކުރިއެވެ.

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގައިޑްލައިންތައް:

* ވަލުތެރޭގައި ދޫނިތައް ބަލާއިރު އަބަދުވެސް ދޫންޏާއި މަދުވެގެން 6 ފޫޓުގެ ދުރުމިނެއް ބަހައްޓާށެވެ.

* ދޫންޏެއް ކައިރިވެއްޖެނަމަ މަޑުމަޑުން ފަހަތަށް ޖެހިލާށެވެ.

* ދޫނި ކައިރީގައި ޑްރޯން އުދުއްސާނަމަ، މަދުވެގެން 30m-100m ދުރުމިނެއް ބެހެއްޓުމަށް ސަމާލުކަން ދޭށެވެ.

* ދޫނިތަކުގެ ފަހަތުން ނުދުވާށެވެ.

* ދޫނިތައް އަތުލައިގަތުމާއި ކާން ނުދިނުމަށް އީޕީއޭއިން އިލްތިމާސްކުރިއެވެ.

ދޫންޏެއް ބަލިވެ/ އަނިޔާވެފައިވާ ކަމަށް ފެނިއްޖެނަމަ އިރުޝާދު ހޯދުމަށް އީޕީއޭގެ ހޮޓްލައިން، 7980379 އަށް ގުޅުއްވުމަށް އެއިދާރާއިން އެދިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން