ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާނުކޮށް އޮތީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާނުކޮށް އޮތުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްވި ހުކުމްގައެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ދެކޮޅަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ޕީޕީއެމް، ޕީއެންސީ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ތަދައްޚުލުވެފައިވެއެވެ.

މި މައްސަލަ ބައްލަވާފައިވަނީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީއެވެ.

މިމައްސަލަ އުފެދުނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި ބުނާ އެއްޗެއް މަޖިލީހުގެ އިދާރާއިން މާނަ ކުރާގޮތުންނެވެ. އެ މާއްދާގެ ބ ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާއި އުޅުއްވާތީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ އިދާރާއިން ނިންމުމަށްފަހު، އެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށްފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވުމަށްފަހު، ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމެނީސް އިތުރު ކަމެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވީނަމަވަސް، ސުޕްރީމް ކޯޓުގެ ހުކުމްގައި އެގޮތަށް ކަނޑައަޅާފައެއް ނުވެއެވެ. އެ ހުކުމްގައި ބުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައި އޮތްނަމަވެސް މަޖިލީހުން އަދާކުރައްވަންޖެހޭ ދުސްތޫރީ ޒިންމާތައް އަދާކުރައްވަންޖެހޭނެކަމަށެވެ. އަދި ގަވާއިދު މަނާކުރާ ގޮތުން ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއަކަށް ހުރަސް ނޭޅޭނެކަމަަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމުން ކަށަވަރުކޮށްދިނީ 2 ކަމެކެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް ނޫން ބޭފުޅުންނަށްވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭ ޖަލްސާއެއްގެ ރިޔާސަތުގައި ބެލެހެއްޓޭނެކަމެވެ. އަދި އެ މައްސަލަ ނުނިމި އޮތަސް، ރައީސުލްޖުމްހުރިއްޔާ ހުވާކުރުން ފަދަ ދުސްތޫރީ ޒިންމާތައް މަޖިލީހުން އަދާކުރަންޖެހޭނެކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން