ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމުނަަސް އިންތިހާބީ ރައީސް ހުވާކުރުމަށް ހުރަހެއް ނެތް ކަމަށް ސްޕުރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ގުޅިގެން އެމްޑީޕީން ސުޕުރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައެއްގައި އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމްގައި ބުނެފައިވަނީ ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކުރަންޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ ގަރާރެއް ކުރިއަށް ނުގެންދެވޭ ހާލަތެއް މެދުވެރިވިޔަސް، މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ކުރަންޖެހޭނެ ކަމަށް ހުކުމްގައި ބުނެފައިވެއެވެ.

އަދި ގާނޫނުއަސާސީގެ ދަށުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ޖަލްސާ އާއި އެ މަނިކުފާނުގެ ކެބިނެޓަށް ރުހުން ދިނުމުގެ ކަންކަމަކީ ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށާއި، އެ ކަންކަން އެއްވެސް ހާލަތެއްގައި ނުކޮށް ތިބުމުގެ އިހުތިޔާރެއް މަޖިލީހަށް ނޯންނާނެ ކަމަށް ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.

ސްޕުރީމް ކޯޓުން މިއަދު ކުރި ހުކުމްގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެގޮތުން މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވާއިދު މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެެވެ.

ސްޕުރީމް ކޯޓުގައި ހުކުމްގައި ބުނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ސާފުކޮށް ބުނާތީ، އިތުރު މެމްބަރަކަށް އެފަދަ ގަރާރެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރި ނަމަވެސް އެއީ ރަނގަޅު މާނަކުރުމެއް ނޫން ކަމަށެވެެ. އެގޮތުން މަޖިލީހުގެ ރިޔާސަތު ހުސްނުވާނެ ގޮތަކަށް ގަވާއިދުން ޖާގަ ދީފައިވާ ކަމަށާއި މި ކަމުގައި ވެސް ގަވާއިދު މާނަކުރަންޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން ކަމަށް ހުކުމްގައި ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން