ފަލަސްތީނަށް ދޭން ކަނޑައެޅި އެހީ އިތުރުކުރަން ފަރަންސޭސި ވިލާތުގެ ރައީސް އިމޭނުއެލް މެކްރޯން ނިންމަވައިފިއެވެ.



މެކްރޮން ވަނީ ފްރާންސް އިން ފަލަސްތީނަށް ދޭ އެހީ 20 މިލިއަން ޔޫރޯ އިން 100 މިލިއަން ޔޫރޯއަށް މި އަހަރު އިތުރު ކުރާނެ ކަމަށް ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ.



އިޒްރޭލަށް ތާއީދުކުރާ މެކްރޯން ވަނީ ހަނގުރާމަ "ހުއްޓާލުމަށް" މަޝްވަރާކުރުމަށް މިއަދުގެ ވަގުތެއްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވި ބައްދަލުވުމުގަައި މަޝްވަރާކުރައްވާފައެވެ. މެކްރޮން ވަނީ ހަނގުރާމައިގައި ފަލަސްތީނުގެ ޢާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި ޣައްޒާއަށް މިވަގުތު ދިމާވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް އެހީ ފޯރުކޮށްދިނުމަށް ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލުމަށްވެސް މެކްރޮން ގޮވާލައްވާފައި ވެއެވެ.

އެހެން ނަމަވެސް، ޣައްޒާގެ ޙާލަތު ބަލަން ހަމަަޖައްސާފައިވާ ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް އަސްކަރީ އޮފިޝަލަކު ބުނިގޮތުގައި "ޣައްޒާގައި އުނދަގޫ ޙާލަތެއް ފެންނަމުންދިޔަަނަމަވެސް، އިންސާނީ ކާރިސާ"އެއް ކުރިމަތިވެފައިވާ ކަމަށް އޭނާއަށް ޤަބޫލުނުކުރެވޭ ކަމަށެވެ.



ނަތަންޔާހޫ ވިދާޅުވެފައި ވަނީ ރަހީނުކޮށްފައި ތިބި މީހުން މިނިވަން ނުކުރާހާ ހިނދަކު ޣައްޒާއަށް ތެޔޮ ފޯރުވިޔަ ނުދޭނެ ކަމަށާއި ހަމާސްއާއެކު ހަނގުރާމަ ކުރުން ހުއްޓާނުލާނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މިކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ނަތަންޔާހޫއާއި މެކްރޯން އަދިވެސް އެއްފަހަރު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.

ޣައްޒާގައި ތިން ދުވަހަށް ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި އެމެރިކާގެ ހަ މީހަކު ހިމެނޭ ގޮތަށް ހަމާސްއިން ހިފަހައްޓާފައިވާ ދިހަ ވަރަކަށް މީހުން ދޫކޮށްލުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ހަމާސްއާ ގާތް މީހަކު އޭއެފްޕީއަށް މަޢުލޫމާތުދީފައި ވެއެވެ. އެހެން މަސްދަރަކުން ބުނީ ގަތަރުން އެމެރިކާއާއެކު ވިލަރެސްކޮށްގެން "ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށްޓަކައި ދެ ދުވަހަށް ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި 10-15 ރަހީނުން" މިނިވަން ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ފްރާންސް ފަދައިން އިޒްރޭލަށް ތާއީދުކުރަމުންދާ އިޓަލީ ވިލާތުން ވެސް ވަނީ ފަލަސްތީނަށް އެހީވުމަށްޓަަކައި މަަސައްކަތް ފަށައިފައެވެ. އެގޮތުން، ސިއްހީ އެހީ ފޯރުކޮށްދިނުމަށް ހޮސްޕިޓަލް މަނަވަރެއް ޣައްޒާގެ އައްސޭރިފަށާއި ކައިރިއަށް އިޓަލީ ސަރުކާރުން ފޮނުވާން ވަނީ ނިންމާފައެވެ. އިއްޔެގައި މި އުޅަނދު ވަނީ ޣައްޒާ ސަރަހައްދަށް ދިއުމަށް ދަތުރު ފަށާފައެވެ. މި އުޅަނދުގައި 170 ސިއްހީ މަސައްކަތްތެރިން ދަތުރުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އަތޮޅުވެރިޔާ

10-Nov-2023

ނަތަންޔާހޫ ވިދާޅެއް ނުވާނެ. ނޫސްވެރިން މިއަށްވުރެ ޒިންމާދާރު ކަމާއެކު ހަބަރު ގެނެސް ދޭނެ ކަމަށް އުއްމީދު ކުރަން



ޓްރެންޑިން