ސްޕުރީމް ކޯޓުގެ ހުކުމާއިއެކު ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިސްނާވަޑައިގަންނަނީ މަގާމުގައި ބަގުޑި ބައްދަވައިގެން އޮންނަވަން ކަމަަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ލަސްކުރުމުގައި ފަސް ދުވަސް ސުޕްރީމް ކޯޓުގެތެރޭގައި ހިފަހައްޓައިލެވިއްޖެ ކަމަށާއި، އިންތިޚާބީ ރައީސް ހުވައިކުރުމާ ހަމައަށް ފަސޭހައިން ހިފަހައްޓައިލެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސްޕުރީމް ކޯޓުގެ ހުކުމާއިއެކު ވެސް ރައީސް ނަޝީދު ވިސްނަވަނީ މަގާމުގައި ބަގުޑި ބައްދަވައިގެން އޮންނަވަން ކަމަށެވެ. އެގޮތުން 7 ދުވަސް ވަންދެން އިތުބާރު ނެތްކަމުގެ މައްސަލަ ލަސްކުރަން ހިފަހައްޓަވަން ނަޝީދު މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



"އަދި ފަނޑިޔާރުންނަކީ ލިޔަން ކިޔަން ނޭގޭ ބަޔެއް ކަމަށް ވިދާޅުވެ ނަޝީދު މަލާމަތް ކުރީ،" ރޮޒައިނާ ވިދާޅުވިއެވެ.

ސްޕުރީމް ކޯޓުގެ ހުކުމާއެކު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއާ ނާއިބު ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާވަމުން ދިޔަ ރޭވުން ފެއިލްވި ކަމަށްޓަކައި ހަމްދު ކުރައްވާ ކަމަށެވެ. އަދި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެވާހަކަފުޅާއި ގުޅިގެން މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިތުބާރު ނެތް ރައީސަކު ރިޔާސަތުގައި ނެތިއްޔާ ހުވާ ކުރުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށެވެ. އަދި އިތުބާރު ނެތް ރައީސަކު ރިޔާސަތުގައި ބައިންދައިގެން ރީތިކޮށް ކަންކަން ގެންދަން ސުޕްރީމް ކޯޓްގެ ހުކުމުގައި ނެތް ކަމަށް ވިދާޅުވެ ރޮޒައިނާ ވަނީ ނަޝީދަށް ރައްދު ދެއްވާފައެެވެ.

"ވޯޓަށް ފިލައިގެން ކިހާ ދުވަހަކު އުޅޭނަމޭ ހިތާތޯ ތިޔަ އުޅުއްވަނީ،" އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ، ރޮޒައިނާ ރައީސް ނަޝީދާއި ސުވާލުކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުނެ ނައިބް ރައީސް އީވާ ރިޔާސަތުގައި ނެތް ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާއެކު ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ބާއްވާ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން