ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު މުޅި ގައުމު އެކަމަކަށް ހުއްޓެންޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެެ.

ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އީވާ އަބުދުﷲ ރިޔާސަތުގައި ނެތް ނަމަވެސް މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ސްޕުރީމް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.

ސްޕުރީމް ކޯޓުގެ ހުކުމާއި ގުޅިގެން "ރަސްއޮންލައިން" އަށް ފޯނުން ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މުޙައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ވަރަށް ވިޔާނުދާ ބޭފުޅެއް ކަމަށެވެ. އެގޮތުން އެމަނިކުފާނާއި ގުޅުން ހުރި ކަމެއް ދިމާވާ ކޮންމެ ފަހަރަކު މުޅި ގައުމު އެކަމަކަށް ހުއްޓެންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މީގެ ކުރިން ވެސް މިކަހަލަ ވަރަށް ގިނަ ކަންކަން ހިނގާފައި އެބަހުރި. ރައީސް ނަޝީދު ކޮންމެވެސް އެއްކަމެއް ވެގެން ހައްޔަރެއް ވެދާނެ، ދެން ކޯޓާއި މުޅި ގައުމު އޮންނާނީ ހުއްޓިފައި. ހައްޔަރުކުރަންވެގެން މުޅި ގައުމު އެއްކޮށްގެން ނޫނީ ހައްޔަރެއް ނުވާނެ. މުޅި ފުލުހުންގެ މުވައްސަސާ އެއްކޮށްގެން ނޫނީ އޭނާ ހައްޔަރުކުރެވޭ ކަަމަކަށް ނުވޭ. ނަޝީދުގެ ޝަރީއަތެއް ހިގަންޏާ މުޅި ގައުމު އޮންނާނީ ހުއްޓިފައި. މިކަހަލަ ގޮތަކަށް އަމަލުކުރައްވާ ބޭފުޅެއް ނަޝީދަކީ." ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ތެރޭގައި ކުރިން ހިމެނިވަޑައިގެންނެވި އަސްލަމް ވިދާޅުވިއެވެެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ހައްލު ހޯދަން ސްޕުރީމް ކޯޓާއި ހަމަޔަށް ދާންޖެހޭ މައްސަލަ އެއްވެސް ނޫން ކަމަށެވެ. އެހެން ނަމަވެސް އެމައްސަލަ ސުޕްރީމް ކޯޓާ ހަމަޔަށް ގެންދަން ޖެހުނީ އެނޫންގޮތެއް ނެތިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މިހާރު ކުރިމަތިވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ މަޖިލީހުގެ ގަވާއިދު ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ ކަމަށެވެ. އެގޮތުން މަޖިލީހުގެ ގަވާއިދު މާނަކޮށް ސްޕުރީމް ކޯޓުން ކުރި ހުކުމަކީ ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދުތަކުގައި ހުންނަ މާނަކުރުންތަކުގެ ތެރޭގައި ނަހަމަގޮތުގައި ގަަދަބާރުން ކަންކަން ކުރަން އުޅުން ހުއްޓުވިގެންދާ ފަދަ ހުކުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް އެކިއެކި ހުއްޖަތާއި ބަހަނާ ދައްކަމުން ގެންދާ ކަމަށެވެ. އަދި އެކަން ނުކެރެވޭނެ ހުރިހާ މަގެއް މަޖިލީހުން ހޯދަމުން ގެންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.



"މީގެ ކުރިން ކޮމެޓީ ނުބޭއްވުނޭ ކިޔައިގެން ދިގު ދަންމާލީ. ކޮމެޓީ ނުބޭއްވުނީމަ މުޅި މަޖިލީހުގެ ކޮމެޓީ ބާއްވާފައި ވަގުތުން ކަނޑައެޅިދާނެ ނޫންތޯ؟ ގާނޫނު އަސާސީގައި ބުނަނީ ތިންގަޑިއިރަށް ދިގުވެގެން ނުވާނެއޭ ކޮމެޓީ ތިން ގަޑިއިރަށް ވެސް ދިގު ނުވާގޮތަަށް ކުރިއަށް ގެންދެވޭނެ. އެހެން ކިޔާފައި ދާއިމީ އެތައް ކޮމެޓީ އެއްވެސް ހުއްޓުވައި މަޖިލިސް ހުއްޓުވި." މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަސްލަމް ވިދާޅުވިއެެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، ސްޕުރީމް ކޯޓުގެ ހުކުމާއި އެކު ވެސް ފަހަތަށް ޖެހިވަޑައިގަތުމުގެ ވިސްނުންފުޅެއް ނަޝީދު ނުގެންގުޅުއްވާ ކަމަށާއި އެމަނިކުފާނު ހުންނެވީ ޚަރާބުގެ މަގު ހިޔާރުކުރައްވައިގެން ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީން އެކަމަށް ޖާގަ ނުދެއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެގޮތުން ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ބާއްވާ ޖަލްސާ އަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ އެއްވެސް އެއްބާރުލުމެއް ނުދެއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭގެ ތެރޭގައި އިންތިޚާބީ ރައީސްގެ ހުވައިކުރެއްވުމާއި، ކެބިނެޓަށް ރުހުން ދިނުމުގައި ވެސް ހިމެނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އެސް ޒެޑް

10-Nov-2023

ތި އައްނިއަކީ މިޤައުމަށް ދިމާވެފައިވާ ބޮޑު މުޞީބާތެއް. އަމިއްލަ އެދުމުގައިބޤައުމު މުޅިންހަލާކުކޮށް ޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކުކުރި މޭސްތިރިއަކީ ތި އައްނި. އޭނާގެ ބަލާވެރިކަމުން ލާދީނީ ފިކުރުން މި ޤައުމު އަވަހަށް ސަލާމަތްކުރަން އެބަޖެހޭ



ޓްރެންޑިން