ސުޕްރީމް ކޯޓުގެ ހުކުމަށް އިހުތިރާމްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ، މަޖިލީހުގެ ނައިބް ރައީސް ރިޔާސަތުގައި ނެތް ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެންނެެވެ. ކޯޓުގެ ހުކުމަށްފަހު ރައީސް ނަޝީދު ވަނީ އިންތިހާބީ ރައީސް ހުވާކުރުމާއި ހަަމަޔަށް ވެސް މަގާމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފައެެެވެ.

ރައީީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ އިންތިޚާބީ ސަރުކާރު ހުވައިކޮށް، ކެބިނެޓް އެކުލަވައިލުމާ ހަމައަށް އެ މަނިކުފާނުގެ މައްސަލަ މަޑުޖައްސާލައި އެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމަށެވެ.

އެކަމާ ގުޅިގެން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި އެ ހުވައިގެ ސައްޙަކަމާއި މެދު ސުވާލު ނުއުފެދޭ ގޮތަށް މަޖިލިިސް ކުރިއަށް ގެންގޮސްގެން ނޫނީ އާ ރިޔާސީ ދައުރުގައި ގައުމުގެ މަސްލަހަތު ރަނގަޅެއް ނުވާނެކަމަށެވެ.



"ސްޕުރީމް ކޯޓުގެ ނިންމުމަށް އިހުތިރާމްކޮށް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ކުރިން ރައީސް ނަޝީދު މަގާމުން އެއްފަރާތް ވާންޖެހޭ،" އިކްރާމް ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުނު ނަމަވެސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް ހުރަސްއެޅިގެން ނުވާނެ ކަމަށާއި އެކަން ކުރިއަށް ގެންދިޔުމަކީ މަޖިލީހުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ސްޕުރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، އެ މައްސަލަ ނުނިންމައި، ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ރައީސް ހުވައިކުރައްވާނަމަ، މަޖިލިސް މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން ހުވައި ބަލައިނުގަންނާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ރޭ ވިދާޅުވީ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ބާއްވާ ޖަލްސާ އަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ އެއްވެސް އެއްބާރުލުމެއް ނުދެއްވާނެ ކަމަށެވެ. އޭގެ ތެރޭގައި އިންތިޚާބީ ރައީސްގެ ހުވައިކުރެއްވުމާއި، ކެބިނެޓަށް ރުހުން ދިނުމުގައި ވެސް ހިމެނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.



ސްޕުރީމް ކޯޓުގެ ހުކުމަށްފަހު ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް މިހާރު ވަނީ އެޖެންޑާ ކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު


0

ހަމަހައިރާން

11-Nov-2023

މުއިއްޒުގެ ހުވައަކާ އެމްޑީޕީގެ ފިތުނަވެރި ކޯޅުމަކާ ކޮން ވާ ބެހޭކަމެއްތަ? ކޮން ޖެއްސުމެއްކުރާކަށްތަ މި އުޅެނީ! އަދިވެސް އެރުވެނުވަރު ކުޑައީތަ!



ޓްރެންޑިން