އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ޖެހެންދެން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރައްވަމުންދާ ސަބަބެއް ބަލަން ޖެހޭ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ރިޔާސަތުގައި ނެތް ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ކޯޓުގެ ހުކުމަށްފަހު ރައީސް ނަޝީދު ވަނީ އިންތިހާބީ ރައީސް ހުވާކުރުމާއި ހަަމަޔަށް ވެސް މަގާމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފައެެެވެ.

ރައީީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ އިންތިޚާބީ ރައީސް ހުވައިކޮށް، ކެބިނެޓް އެކުލަވައިލުމާ ހަމައަށް އެ މަނިކުފާނުގެ މައްސަލަ މަޑުޖައްސާލައި އެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމަށެވެ.

އެކަމާ ގުޅިހެން ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވަނީ ރައީސް ނަޝީދު ރިޔާސަތުގައި އިންނެވުމަށް މާ ބޮޑު ޝައުގުވެރިކަމެއް ގެންގުޅުއްވަމުންދާ ސަބަބާއިމެދު ސުވާލު އުފައްދަވާފައެެވެ.

ނިހާދު ވިދާޅުވީ، އިތުބާރު ނެތްކަމުގެ ވޯޓަށް ހުރަސް އަޅުއްވާނެކަމަށް ރައީސް ނަޝީދު އަދިވެސް ވިދާޅުވަމުންދާކަމަށެވެ. އެގޮތުން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ގަދަބާރުން މަގާމުގައި ހުންނެވުމަށްކަމަށާއި އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިޔާތާއި ޖެހެންދެން މަގާމުގައި ހުންނެވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ، ރައީސް ނަޝީދު ޑރ މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް ބޭނުންވެވަޑައިގަންނަވާ ސަބަބު ދެނެގަންނަން ޖެހޭކަމަށެވެ. އެމަނިކުފާނު ކުރައްވަން ރާވާފައިވަނީ ކޮން ކަމެއް ކަމާއި މެދު ސުވާލު އުފައްދައި ނިހާދު ވިދާޅުވީ، ރައީސް ނަޝީދު ނުކުރައްވާނެ ކަމެއް ނޯންނާނެކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުނު ނަމަވެސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ހުރަސްއެޅިގެން ނުވާނެ ކަމަށާއި އެކަން ކުރިއަށް ގެންދިޔުމަކީ މަޖިލީހުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ސްޕުރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، އެ މައްސަލަ ނުނިންމައި، ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ރައީސް ހުވައިކުރައްވާނަމަ، މަޖިލިސް މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން ހުވައި ބަލައިނުގަންނާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

"ރަސްއޮންލައިން" އާއި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ރޭ ވިދާޅުވީ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ބާއްވާ ޖަލްސާ އަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށެވެ. އޭގެ ތެރޭގައި އިންތިޚާބީ ރައީސްގެ ހުވައިކުރެއްވުމާއި، ކެބިނެޓަށް ރުހުން ދިނުން ވެސް ހިމެނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ސްޕުރީމް ކޯޓުގެ ހުކުމަށްފަހު ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް މިހާރު ވަނީ އެޖެންޑާކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން