ފާއިތުވި 5 އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްޙަ މަސަލަސްކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވަޑައިގެންނެވިއިރު ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި، ހަމަނުޖެހުމާއި، ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތުން އޭރުގެ ބިރުވެރި ޙާލަތު މިހާރު ބަދަލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފާއިތުވި 5 އަހަރު ޤައުމަށް ގެނެވުނު ހަމަޖެހުމާއި ސުލްޙަ މަސަލަސްކަމަކީ ލިބުނު އެންމެބޮޑު ކުރިއެރުންކަމަށާއި، މާލޭގެ މަގުތައް އަމާންކަމާއެކު ބޭއްވުނީ، ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން ކަމަށެވެ.

އެގޮތުން މަގުތަކުގެ އަމާންކަން މިއަދު އިޙްސާސްވާކަމަށާއި، ޚިޔާލު ތަފާތުވެހުރެ ވެސް ވިޔަފާރިވެރިންނާއި، ޢާންމު ފަރުދުން އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި 5 އަހަރު ތެރޭގައި ކަށަވަރުކޮށްދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައި، އެދުވަހު ރައްޔިތުން ބޭނުންވި އަސާސީ ޚިދުމަތްތައް މުޅި ރާއްޖެއަށް ޢާންމުކޮށްދެވިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުން ދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެކަމަށެވެ. އަދި، މިހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި ޤައުމުގައި އެކަން އަށަގެންނެވުމަކީ ދެން އަންނަ ހުރިހާ ސަރުކާރުތަކާއި، ވެރިންގެ މަސްޢޫލިއްޔަތެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރައީސް ވިދާޅުވީ ވެރިކަމުގެ ހައްޤުތައް އަދާ ކުރުމުގައި ހަމަހަމަ ކަމާއެކު އިޖްތިމާޢީ އަދާލަތު ޤާއިމްކުރުމަށް މި 5 އަހަރު އެމަނިކުފާނު އިސްކަން ދެއްވާފައިވާނެ ކަމަށެވެ. އެގޮތުން ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަގު ކުޑަކޮށް، ޚިދުމަތްތައް ހަމަހަމަ ކުރެވި، ވަޞީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރާންޖެހޭ ހައްޤުތައް އަދާކުރުމަށް އިސްކަން ދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ފަރުދީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުޞަތެއްގެ ބޭނުން ސަރުކާރުން ހިފައި، ވާޖިބު އަދާކުރުމުގައި އިންސާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް މަސައްކަތްކުރަށްވާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން