އާ ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރާނެ ބޭފުޅުންގެ ލިސްޓެއް ކަމަށް ބުނެ އާންމުވެފައިވާ ލިސްޓަކީ ސައްޙަ ލިސްޓެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެެ.

ޖުމުހޫރީ ދުވަހާއި ގުޅިގެން ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނޭ ބޭފުޅުން ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވާ ލިސްޓުގެ 95 ޕަސެންޓަކީ އެ މަނިކުފާނުގެ ކެބިނެޓުގައި ތިއްބަވާނެ ބޭފުޅުން ކަމަށާއި ދައުރުވާ ލިސްޓަކީ ސައްޙަ ލިސްޓެއް ކަމަށެވެ.

"ނުކުމުގެން އުޅޭ ލިސްޓުތަކުގެ 90 ޕަސެންޓް ރަނގަޅު. 95 ޕަސެންޓް ރަނގަޅޭ ވެސް ބުނެވިދާނެ ގިނަ ތަންތަނުގައި. ބައެއް ކުދި ކުދި ބަދަލު އެބަހުރި." މުޢިއްޒު ވިދާޅުވި އެވެ.

މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ވަޒީރުންނަށް އައްޔަންކުރާނީ، ސީދާ އެމަނިކުފާނަށް ކޮންޓްރޯލްކުރެވޭ އަދި އެ ދާއިރާތަކަށް ތައުލީމީ ގާބިލު ބޭފުޅުން ކަމަށެވެ.

"އަޅުގަނޑު ބަހެއް ބުނީމަ އެބޭފުޅަކު އެހެން މީހެއްގެ އެޕްރޫވަލް ހޯދަން ޖެހޭ މީހަކު އަޅުގަނޑު ނުލާނަން." މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓުގައި 22 ބޭފުޅުން ތިއްބަވާނެ ކަމަށެވެ. އެމަނިކުފާނުގެ ޓީމް ވާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ނަތީޖާ ނެރެދެވޭ، ތައުލީމީ އަދި ގާބިލު ޓީމަކަށް ކަމުގައި މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ހަ އަންހެން ބޭފުޅުން ނަގަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ ކުރީގެ ސަރުކާރުތަކާ އަޅާ ބަލާއިރު ވަރަށް ގިނަ އަދަދެއް ކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ނަތީޖާ ނެރެވޭނެ ގޮތަށް ވަކި މަސައްކަތްތަކަށް ސަމާލުކަންދީގެން މަސައްކަތްކުރެވޭނެ ތަރުތީބުން ވުޒާރާތައް އެކުލަވާލުން ކަމަށެވެ. މުޢިއްޒު ވިދާޅުވީ އެއަމާޒަށް މަސައްކަތް ކުރެއްވުމުގެ ގޮތުން ބައެއް ބޮޑެތި ވުޒާރާތައް ބައިބައި ކުރައްވައި އައު ވުޒާރާތައް ވަކި މަސައްކަތްތަކަށް ސަމާލުކަންދިނުމުގެ ގޮތުން އުފައްދަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިގެންފައިވާ ބައެއް ވައުދުފުޅުތަކާ އެއްގޮތަށް ބައެއް އައު ވުޒާރާތައްވެސް އުފައްދަވާފައިވާނެ ކަމަށް އިންތިޚާބީ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް މިނިސްޓްރީތައް ބައިކޮށްގެން އުފައްދާ ވުޒާރާތައް ފިޔަވައި މުޅިން އަލަށް އުފެދޭނީ ދެތިން މިނިސްޓްރީކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އައު ވުޒާރާތައް އުފެއްދެވި ނަަމަވެސް ސަރުކާރުގެ ސިޔާސީ މަޤާމުތައް ފާއިތުވި ދެ ސަރުކާރުގެ ސިޔާސީ މަޤާމުތަކަށްވުރެ މަދުކުރައްވާނެކަމުގެ ޔަގީންކަން މުޢިއްޒު ވަނީ ދެއްވާފައެވެ.

އިތުރު ތަފްސީލް އަންނަނީ....


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން