އައްޑޫގައި މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުމީދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި މަހުގެ 9 ވަނަ ދުވަހުގެ ރޭ އިންޓެލިޖެންސްއާއި ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

"މި އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެޥޭ އެއްޗެއް އަޅާފައިހުރި ފުޅިއެއް ފެނިފަވޭ." ފުލުހުން މަޢުލޫމާތުދީފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއި މެދު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން