ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރިޔަށްގެންދާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޖޮއިންޓް ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ބައިވެރިވަޑައިގަންނަވާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު (ނ.ޢ.ޢ.ވ) ގޮވާލައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިކަމަށް ގޮވާލެއްވީ ސަޢުދީ ޢަރަބިއްޔާގެ ރިޔާދުގައި މިއަދު ފެށި ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަމިޓަކީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފެށި ސަމިޓެކެވެ.

ޚާރިޖީ ވަޒީރު ޝާހިދުގެ ވާހަކަފުޅުގައި، ފަލަސްޠީނުގެ ޢާންމުރައްޔިންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލަންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި ޢައްޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާދިއުމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރައްކާތެރިކަމާއެކު ޣައްޒާއަށް ވަންނާނެކަން ކަށަވަރުކުރުމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

އަދި އިންސާނިއްޔަތާގުޅޭ ބައިނަލްއަގްވާމީ ޤާނޫނުތަކާ ހިލާފަށް މުޅި ޣައްޒާގެ ރައްޔިތުން ޝާމިލުވާހެން ކުރިޔަށްގެންދާ ހުރިހާ އުދުވާނުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުގެ ކިބައިން މިނިސްޓަރ ޝާހިދު އެދިވަޑައިގެންނެވިއެވެ.

ފަލަސްޠީނާއި، މުޅި މެދުއިރުމަތީގައި ދެމެހެއްޓެނިވި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގެ މަގަކީ، ފަލަސްޠީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ޤުދުސްއަކީ ޕަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށްގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެކްސްޓްރާ އޯޑިނަރީ ސަމިޓް ނިންމާލާނީ ޣައްޒާއާއި އަލްޤުދުސް އަލް ޝަރީފް ހިމެނޭގޮތަށް އިސްރާއީލުން މުޅި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާނާ ބެހޭގޮތުން މަޝްވަރާކޮށް އެކުލަވާލާ ޢަރަބް އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ސަމިޓްގެ ގުޅިފައިވާ ޤަރާރާއެކުގައެވެ.

މި ޤަރާރަކީ އިސްރާއީލުގެ ޣައިރު ޤާނޫނީ ޢަމަލުތައް ނިމުމަކަށް ގެނައުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ ފަލަސްޠީނުގެ ބިންތައް ހިފައިގެން އިސްރާއީލުން ހިންގާ ޢަމަލުތައް ކުށްވެރިކޮށް މެންބަރު ޤައުމުތަކުން ދެކޭގޮތް ހާމަކޮށްދޭ ގުޅިފައިވާ ޤަރާރެކެވެ.

ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުރިން ރާވާފައިވާ އެކްސްޓްރާ އޯޑިނަރީ އިސްލާމިކް ސަމިޓާއި އެމަޖެންސީ ޢަރަބް ސަމިޓް އެއްކޮށްލައިގެން ސަޢުދީ ޢަރަބިއްޔާއިން ބާއްވާ ސަމިޓެކެވެ.

ޖުމްލަ 57 މެމްބަރު ގައުމު ހިމެނޭ އޯއައިސީއަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް އަޑުއުފުލަމުން އަންނަ ޖަމިއްޔާއެކެވެ.

ރާއްޖެ 1976 ވަނަ އަހަރު އޯއައިސީގެ މެމްބަރު ގައުމަކަށް ވުމަށްފަހު ރާއްޖެއިން އަންނަނީ އެޖަމުޢިއްޔާގެ މެންބަރު ޤައުމުތަކާ ގުޅިގެން އެޖަމުޢިއްޔާގެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން