މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުންނެވީ ޤާނޫނާއި އުސޫލު މުގުރެއްވުމުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށްވުރެ ކުރީގައި ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަޜޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑައިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ މިފަދައިން ވިދާޅުވެފައިވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމާއި ގުޅިގެންނެވެ.

މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާ ފެށުމާއެކު، މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށްބުނެ މަޖިލީހަށް ހުށަހަޅާފައިވަނީ ޤަރާރެއްކަމެއް ނުވަތަ ބިލެއްކަމެއް ނޫންނަމަ ކުއްލި މައްސަލައެއްކަން ސާފު ނުވާކަމަށެވެ. އެގޮތުން މައްސަލާގައި ދީބާޖާއެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށްބުނެ އެ ޤަރާރުގެ މަސައްކަތް ނިމިފައިވާކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު މިއަދު ވަނީ ވިދާޅުވެފައެވެ.

އެއާއެކު އެމްޑީޕީގެ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، ޑިމޮކްރެޓްސްއަށް ނިސްބަތްވާ އަފީފަކީ ރައީސް ނަޝީދުގެ މައްސަލަ ބެލުމަށް ރިޔާސަތުގައި އިންނަވަން އެންމެ އެކަށީގެންވާ ބޭފުޅާ ނޫންކަމަށް ވިދާޅުވެފައެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން