ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު މާދަމާގެ ޖަލްސާއަށް ވެސް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި މިވަނީ އެ ގަރާރު ގޯސްކަމަށް ނިންމައި ރިޔާސަތުން އެ ގަރާރު ބޭރުކޮށްލާފައިވަނިކޮށެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ހަފީފު އެ ގަރާރު ބޭރުކުރީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކަމަށް އަމީންއާންމު ވަނީ ވިދާޅުވެފައެވެ.

ގަވާއިދާއި ހިލާފަށް އެ ގަރާރު ބޭރުކޮށްފައިވާ ކަމަށް ބުނެ މިއަދު ހެނދުނު 11:30 ގައި ޖަލްސާއެއް ބާއްވައި އެ ގަރާރުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ ވަނީ އެ ގަރާރަކީ ބޭރުކޮށްފައިވާ ގަރާރެއް ކަމަށް ވިދާޅުވެ އެ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަވާފައެވެ.

މާދަމާގެ ހެނދުނު 11:00 އަށް ޖަލްސާއެއް ތާވަލުކޮށް، އެޖެންޑާކޮށްފައިވަނީ ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރުގެ މައްސަލަ ކުރިއަށް ގެންދިޔުމަށެވެ.

މަޖިލީހުގެ އިދާރާއިން އެ ގަރާރު އަލުން އެޖެންޑާކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އެ ގަރާރުގެ މަސައްކަތް ނުނިމުނަސް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އެޖެންޑާކޮށްދިނުމަށް މަޖިލީހުގެ އަމީންއާންމުގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން