އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދު ﷲ ޔާމީނަށް ދައުވަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މުޢިއްޒު ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީނަށް ދައުވަތު ފޮނުވާނެ ކަމަށެވެ. އެމަނިކުފާނާއެކު މީގެ ކުރިން ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް އެ ރަސްމިއްޔާތައް ދައުވަތު އަރުވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެއެެވެ.

ރައީސް ޔާމިނަށް ހުވާކުރާ ރަސްމިއްޔާތަށް ދައުވަތު ދޭން ނިންމައިފައިވާއިރު އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެެ. އެހެން ނަމަވެސް ޔާމިން މިވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެެވެެ.

ޔާމިން ގޭބަންދަށް ބަދަލުކުރިފަހުން މާލެ ތެރޭގައި އުޅެވޭގޮތަށް ޝަރުތު ތަކަކާއެކު މިދިޔަ މަހުގެ 28 ވަނަ ދުވަހު އިތުރު ލުއިތަކެއް ކަރެކްޝަން ސާވިސް އިން ވަނީ ދީފައެެވެ.

ކަރެކްޝަނުން ބުނީ އެއީ ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކަކަށް ޔާމީން އެދިވަޑައިގެންފައިވާތީ ދިން ލުއިތަކެއް ކަމަށެެވެ. އޭގެ އިތުރުން، ކޮންމެހެން ބައްދަލުކުރަން އެދޭ މީހުންނާ ވެސް، އެ އިދާރާއާ އެކަން ހިއްސާކުރުމުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އޭގެފަހުން ޔާމިން ޕީޕިއެމްގެ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ވާހަަަކަފުޅު ދެއްކެވުމުން ކަރެކްޝަނުން ވަނީ އިގުރާރާއި ހިލާފުވާނަމަ ލުއިތަށް އުވާލާނެ ކަމުގެ އިންޒާރު ވެސް ޔާމިނަށް ދީފައެވެ.

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު ޖުމުހޫރީ މައިދާނުގައެެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން