އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހެޅުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ސިއްހީ ހާލަތު ތަންނުދޭތީ ވަޑައިގެންނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް މިރޭ އަންގަވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވާ މިރޭ ފޮނުއްވި ސިޓީއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅަން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް ނަމަވެސް އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ވަޑައިގެންނެވެން ނެތް ކަމަށެވެ.

13 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުން އޮތް ކަމުގައި ވީ ނަމަވެސް އަޅުގަނޑުގެ ބަލިހާލަތު ހުރި ގޮތުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވެން ނެތްވާހަކަ ހިތާމައާއެކު ދެންނެވީމެވެ." އަމީރުގެ ސިޓީގައި ވެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ސަޕްލިމަންޓަރީ ބަޖެޓް ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފައިވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށެވެ.

މީގެ އިތުރުން މާދަމާ ހެނދުނު 11 ޖަހާއިރު ބާއްވާ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން