ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަސްލަހަތު ހިމެނޭ މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އިއްޔެ ރިޔާސަތު ބެލެހެއްޓެވީ އެ މަނިކުފާނު ނިސްބަތްވާ ޑިމޮކްރެޓްސްގެ މެންބަރުންކަމަށްވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ނާއިބް ރައީސް އަދި ނަޝީދުގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު އީވާ އަބުދު ﷲ އެެވެ.



އެދެބޭފުޅުންގެ ރިޔާސަތުގައި ނަޝީދު ވަކިކުރުމުގެ ގަރާރު ގަވާއިދާ ހިލާފު ކަމަށް ކަނޑައަޅައި ބޭރުކޮށްލައި، އެ ގަރާރު އަލުން ހުށަހަޅަން ވަނީ އަންގާފައެވެ.

އެހެން ނަމަވެސް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ މައްސަލަ ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅުއްވާފައެވެ. އަދި، އެ މައްސަލަ މިއަދުގެ 11:00 އަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.

ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ރޭ ވިދާޅުވީ މަޖިލީހުގެ ރިޔާސަތު އިއްޔެ ބެލެހެއްޓި ޑިމޮކްރެޓުންގެ މެންބަރުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭރުކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެެވެ. އެގޮތުން މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް ބަންޑާރަ ނައިބް ފާހަގަކުރެއްވިއެވެ.



އޭޖީ ރިއްފަތު ވިދާޅުވީ، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ގަރާރުގައި ފުރިހަމަވާން ޖެހޭ ހަމައެކަނި ޝަރުތުތަކަކީ، ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން މެންބަރުން، ލިޔެ، ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ޤަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކުރުން ކަމަށެވެ.

އެހެންކަމުން ދީބާޖާ ނުހިމެނޭ ކަމަށް ބުނެ ޑިމޮކްރެޓުންގެ ރިޔާސަތުން ނަޝީދުގެ މައްސަލަ އިއްޔެ ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށް ރިފްއަތު ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމުގެ ޖަލްސާތަކަކީ ނުހުއްޓި ކުރިއަށް ގެންދަން ޖެހޭ ޖަލްސާތަކެއް ކަމަށެވެ. އަދި، ނަޝީދުގެ މައްސަލަ އެޖެންޑާ ކުރި ދުވަހު، ނަޝީދުގެ ނުފޫޒު އޮތް މެންބަރަކު ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ ގައި ބުނާ މަސްލަހަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަ ކުރުމެއް ކަމަށް އޭޖީ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބެއިންދުމުގެ މުޙިއްމުކަމަށް އިސްކަންދޭން ޖެހޭ. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީންޢާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި، ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ތަޞައްވުރުކުރާ ހަމައެކަނި ގޮތް." ބަންޑާރަ ނައިބް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން