ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ އިންތިހާބުކޮށްފިއެެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްލަމް މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބު ކުރީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެެވެ. އަސްލަމް މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވީ 53 ވޯޓުންނެވެ. އަސްލަމާއި ވާދަކުރެއްވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

މިރޭ 10 ޖެހިއިރު ބޭއްވި އެ ޖަލްސާ އަށްއެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބު ކުރަން ހުށަހެޅީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމް މަޖިލިހުގެ ރައީސްގެ މަގާމަށް އައްޔަންކުރުމަށް އޭނާގެ ނަން ތަޅުމަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣްނީއެވެ. އަސްލަމް މަޖިލިހުގެ ރައީސް ކަމަށް ގެންނަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންވެސް މިރޭ ވަނީ ފާސްކޮށްފައެެވެ.

މަޖިލީހުގެ ރައީސް ކަމަށް އަސްލަމާއި ވާދަކުރެއްވި ދަ ޑިމޮކްރެޓްސްގެ ފަރާތުން އެމަގާމަށް އިންތިހާބު ކުރަން ހުށަހެޅީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމްގެ ނަން މަޖިލިހުގެ ތަޅުމަށް ހުށަހެޅުއްވީ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގައްދޫ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަހުމަދު ޒާހިރެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ރަނިންމޭޓްގެ ގޮތުގައިވެސް ނެންގެވީ މެމްބަރު މުޙައްމަދު އަސްލަމެވެ. މަޖިލީހުގެ އެންމެ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމަކީ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު ވެސް މެއެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަން ޖެެހުނީ ކުރިން އެމަގާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެެވެ. ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހުގެ ތަޅުމަށް ހުށައަޅައި އެމައްސަލަ މަޖިލީހުގެ ތަޅުމުގައި ކުރިއަށްދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން