ސްކޭމް ކޯލުތަކާއި އޮޅުވާލައިގެން، މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ޢަމަލުކުރަންވީ އުޞޫލުތަކާބެހޭ އިރުޝާދެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރެފިއެވެ.

ސްކޭމް ކޯލުތަކާއި، އޮޅުވާލައިގެން، މަކަރާއި ޙީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް މުޖްތަމަޢުގެ ތެރޭގައި ގިނަވެ، އެކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާތަކާ ހަމައަށް އައިސްފައިވާތީ، އެކަން ހިނގާ ގޮތް ބަލައި، އެކަމުގައި ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ވަޒަންކުރިއިރު، މިކަމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އޮތުމުގެ މުހިންމުކަން އޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފާހަގަކުރެވުނު ކަމަށް އެ އޮފީހުން ބުނެފަވެއެވެ.

މިފަދަ އިރުޝާދެއް ޕީޖީން ނެރުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގައި އޮންނަ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި ބެހޭ މާއްދާގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަޙްޤީޤްތައް ބަލައި އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމުގެ ޒިންމާގެ ދަށުން، ސްކޭމްގެ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި ދަޢުވާކުރުމުގައި އެއް ގޮތަކަށް ޢަމަލުކުރުމަށް ބާރު އެޅުމަށް ކަމަށް ޕީޖީން ބުނެފައި ވެއެވެ. އަދި އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުރިހަމަކުރަންވީ ކަންކަން އެއް ހަމައަކުން ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ "ސްކޭމް ކޯލްތަކާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި، ދަޢުވާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު" އެއް މިއަދު ނެރުއްވައި، ހުރިހާ ތަޙްޤީޤީ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް އެ އޮފީހުން މަޢުލޫމާތު ދީފައި ވެއެވެ.

ޕީޖީ އޮފީހުން ބުނީ މިއިރުޝާދާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން، ސްކޭމް ކޯލްތަކާގުޅޭ މައްސަލަތަކުގެ ތަޙްޤީޤުތައް އަވަސްވެ، ކާމިޔާބުކަމާއެކު ޕްރޮސިކިއުޓް ކުރުމަށް ބާރު އެޅޭނެ ކަމަށެވެ. އަދި މިބާވަތުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ތަޙްޤީޤީ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުމުގައި ކަމާބެހޭ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ މަސައްކަތް ތަކެއްވެސް މިހާރު ކުރަމުންދާ ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

މޯބައިލް ފޯނުގެ ޚިދުމަތްދޭ ތަންތަނާއި ބޭންކުތަކާއި، އެނޫންވެސް މާލީ މުޢާމަލާތްތައް ހިންގާ ތަންތަނުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ލިބިގެން މެނުވީ، މިބާވަތުގެ މައްސަލަތައް ކާމިޔާބުކުރުން ވާނީ ދަތި ކަމަކަށް ކަމަށް ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ކިޔުންތެރިޔާ

14-Nov-2023

މައްސަބަލަން ހަވާލުވާ ފުލުސް އޮފިސަރުގެ އިޚްލާޞްތެރިކަން ނެތިއްޔާ ތިކަން ދާނީ ޗޮކުން.



ޓްރެންޑިން