މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް މަގުފަހިކުރުމަށްޓަކައި އދ. އިން އެކުލަވާލާފައިވާ ދެ މުއާހަދާއެއްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީޙުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ނިންމެވި ދެ މުއާހަދާއަކީ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް މަގުފަހިކުރުމަށްޓަކައި އދ.އިން އެކުލަވާލާފައިވާ މުއާހަދާ،"އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" (ބީ.ބީ.އެން.ޖޭ)ގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މި މުއާހަދާއަކީ، ޤައުމުތަކުގެ އިޙްތިޞާސްއިން ބޭރުގައި އޮންނަ މާކަނޑުގެ ސަރަހައްދުތަކަށް، މާހައުލީ ގޮތުން ވަކި އުސޫލުތަކެއް ކަނޑައެޅުމާއި ގުޅޭ މުއާހަދާއެކެވެ. މިމުއާހަދާގައި މައިގަނޑު ހަތަރު ބައެއް ހިމެނެއެވެ.

ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން، (ބީ.ބީ.އެން.ޖޭ)އެކުލަވާލުމަކީ، މާކަނޑުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް މިހާތަނަށް ބައިނަލްއަޤުވާމީ ގޮތުން ކުރެވުނު އެންމެ މުހިއްމު މަސައްކަތެވެ. ކަނޑުގެ ސަރަހައްދުތައް ހިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުން މަގުފަހިކުރުވާ މިފަދަ މުއާހަދާއެއްގައި، ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކުން ބައިވެރިވުމަކީ ވަރަށް މުހިއްމުކަމެއްކަން، މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވަނީ ފާހަގަކުރައްވާފައެވެ.

ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން، (ބީ.ބީ.އެން.ޖޭ) މުއާހަދާގައި މިހާތަނަށް ދުނިޔޭގެ 83 ޤައުމަކުން ވަނީ ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން