ޣައްޒާ ސިޓީ އަލުން އާރާސްތުކޮށް ތަރައްގީކުރުމަށް ގަތަރުން އެކުލަވާލާފައިވާ ކޮމިޓީގެ މައި މަރުކަޒަށް އިސްރާއީލުން ބޮން އެޅި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އާންމުންނާއި މަދަނީ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް އިޒްރޭލުން ދޭ ހަމަލާތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ސާފުކޮށް ހިލާފުވުން ކަމަށާއި އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެެވެ.

އިސްރާއީލުން ހިންގަމުންދާ އަސްކަރީ އަނިޔާވެރިކަމާއި ހަނގުރާމައިގެ ޖަރީމާތަކުން މިހާރުވެސް ކުށެއްނެތް އާންމުންގެ އެތައް ފުރާނައެއް ގެއްލި، ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެހީދޭ ތަންތަނާއި މީހުން ދިރިއުޅޭ އިމާރާތްތަކާއި އަޅުކަންކުރާ ތަންތަން ފަދަ މުހިންމު އިންފްރާސްޓްރަކްޗަރތައް ސުންނާފަތިވަމުންދާ ކަމަށް މި ބަޔާނުގައި ބުނެފަެި ވެއެވެ.



މީގެއިތުރުން އާންމުންނާއި މަދަނީ އިންފްރާސްޓްރަކްޗަރަށް ދޭ ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ވަނީ ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ހުރަހެއް ނެތި ފޯރުކޮށްދިނުމާއެކު ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލާފައި ވެއެވެ.

ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބި ކަމަށާއި ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމުގެ ހައްގަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށާއި، މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދޭނީ ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ދިވެހި ސަރުކާރުން ބަޔާންކޮށްފައި ވެއެވެ. އެގޮތުން، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުވުމަކީ މި މައްސަލައިގެ ހައްލު ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން