ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބޭނުންކުރި ޕްލެޓްފޯމަކުން ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ކުރި ޖޫރިމަނާ މައާފްކޮށް ނުދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އެފްކޮންސްގެ ޕުލެޓުފޯމުގެ ނަގިޔަށް ދިމާވި މައްސަލައަކާ ގުޅިގެން ވިލިމާލެ ފަރަށް އެ ޕުލެޓުފޯމު އެރީ މިދިޔަ އަހަރުގެ އޯގަސްޓުމަހުއެވެ. އެކަމާއި ގުޅިގެން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އެ މައްސަލައާ ގުޅިގެން އީޕީއޭއިން ވަނީ 69.4 މިލިއަން ރުފިޔާއިން އެކުންފުނި ޖޫރިމަނާކޮށްފައެެވެ.

ނަމަވެސް އެ ކުންފުނިން ވަނީ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް އެދި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ގާނޫނީ ގޮތުންނާއި ޓެކްނިކަލް ގޮތުން ވެސް ދިރާސާކުރުމަށްފަހު އެފްކޮންސް އަށް ލުއި ނުދޭން ނިންމާފައިވާކަމަށެވެ.

ވިލިމާލޭ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދައްކަންޖެހޭ 69.4 މިލިއަން ރުފިޔާ ދައްކަންޖެހޭ މުއްދަތު މާދަމާއަށް ހަމަވާނެއެވެ،

އެންވަރަމަންޓު މިނިސްޓްރީން ބުނީ ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް އެފްކޮންސްއިން އަޅާފައި ހުރި ނަމަ އުޅަނދު ފަރަށް އެރި ހާދިސާއިން ރައްކާތެރިވުމުގެ ފުރުސަތު އޮތްކަން ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ އެހީތެރިކަމާއެކު އެ މައްސަލައިގެ ޓެކްނިކަލް ރިވިއުއެއް ހެދުމުން އެނގުނު ކަމަށެވެ.

ވިލިމާލެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ އީޕީއޭގެ "އެންވަރަމަންޓު ރިސްޓޮރޭޝަން ފަންޑު" އަށް ޖަމާކުރުމަށް އެންވަރަމަންޓު މިނިސްޓަރީން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން